އާރްޓީއެލް ފެރީގެ ހިދުމަތުން މުޅި ރާއްޖެއަށް ގުޅާލުމުގެ މަސައްކަތް މިއަހަރުގެ ޖޫންމަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އާރްޓީއެލް ފެރީގެ ޚިދުމަތް މިހާތަނަށް 15 އަތޮޅެއްގައި ވަނީ ފަށާފައެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް ޔާސިރު ވިދާޅުވީ އާރްޓީއެލް ހިދުމަތް މިހާރު ނުފެށި ހުރި އަތޮޅުތަކުގައި ފެށުމަށްޓަކައި މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން ޒޯން 3ގައި ހިމެނޭ 4 އަތޮޅުގައި ހިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށާއި މިމަހުގެ ތެރޭގައި މ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފެށުމަށް ނިންމާފައިވާކަމަށެވެ.
ޔާސިރު ވިދާޅުވީ މިހާރު އާރްޓީއެލް ނުފަށާ އޮތް ކ، އދ، އއ، ވ، އަތޮޅުގައި މި ހިދުމަތް ފެށުމުން މުޅި ރާއްޖެ ގުޅާލެވޭނެކަމަށާއި އެކަމަށް ބޭނުންވާ ފެރީތައް ބަނުމުގެ މަސައްކަތާއި ރޫޓް މެޕްތަކާއި ޝެޑިއުލްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ޔާސިރު ވިދާޅުވީ ޖޫން މަހުގެ ތެރޭގައި މުޅި ރާއްޖޭގައި އާރްޓީއެލް ފެރީގެ ހިދުމަތް ދޭން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
އާރްޓީއެލް ފެރީގެ ހިދުމަތުގައި މިހާރުވެސް 35 ލޯންޗް އަންނަނީ ބޭނުން ކުރަމުންނެވެ. އަދި އިތުރަށް 12 ލޯންޗް ދަނީ ބަންނަމުންނެވެ. ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނީ އާރްޓީއެލް ފެރީގެ ހިދުމަތް މުޅި ރާއްޖޭގައި ފެށުމަށް ފަހު ދެން މަސައްކަތް ފަށާނީ އެއް އަތޮޅުން އަނެއް އަތޮޅާ ގުޅުވާލުމުގެ މަސައްކަތް ކަމަށެވެ.