ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރެފަރަންޑަމް ވޯޓުގައި ސަރުކާރު ބޮޑުތަނުން ބަލިކޮށް އެމްޑީޕީ ކުރި ހޯދާފައިވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ އިންތިހާބުތަކައް ނެގި ވޯޓުގައި އެމްޑީޕީ ބޮޑުތަނުން ސަރުކާރު ބަލިކޮށް ކާމިޔާބު ހާސިލުކޮށްފައިވާކަމަށެވެ. އަދި ހުރިހާ ސިޓީއަކާއި ގިނަ ރަށްރަށެއްގެ ވޯޓުތައް އެމްޑީޕީ އިން ކާމިޔާބުކޮށްފައިވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓުގައިވެސް ބޮޑުތަނުން ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފައިވާކަމަށެވެ. އެއާއެކު ނަޝީދު ވަނީ ވޯޓު ދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ގުނި ވޯޓު ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު 70 ޕަސެންޓް މީހުން ވަނީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ނޫނެކޭ ބުނެފައެވެ. އެއީ މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ތެރެއިން 9843 ވޯޓެވެ. އަދި މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ނަތީޖާއިން ދައްކާގޮތުން މިކަމަށް އާއެނކޭ ބުނެފައިވަނީ 30 ޕަސެންޓު މީހުންނެވެ. މިއީ މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ތެރެއިން 4210 ވޯޓެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގެ މޭޔަރު އިންތިހާބުގައި މިހާތަނަށް ލިބުނު ނަތީޖާތަކުން ކުރީގައި އުޅެނީ އިދިކޮޅު އެމްޑީޕީއެވެ.