މި ސަރުކާރުގެ ތިން ވަނަ ޕޮލިސް ކޮމިޝަނަރަކަށް އަހުމަދު މުހައްމަދު (ޓޫފޯ) ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށް އަޔަންކުރެއްވި އަހުމަދު މުހައްމަދުއަކީ 1995 ވަނަ އަހަރުން ފެށިގެން 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ފުލުހުންގެ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޓިވް ޕޮލިސިންގެ އިސް މަގާމުތައް ވެސް އޭނާ ވަނީ އަދާ ކުރައްވާފައެވެ.

މީގެ އިތުރުން އޭނާ ވަނީ އިންޑިއާގެ ސަރްދާރު ވަލަބްބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީގައި އައިޕީއެސް ޕްރޮބޭޝަންގެ ބޭސިކް ޓްރެއިނިންގ ކޯހެއް ވެސް ފުރިހަމަކުރައްވާފައެވެ. އޭގެ އިތުރުން ވިލާ ކޮލެޖުން މާސްޓާސް އޮފް ޝަރީޢާ އަދި ބެޗްލަރ އޮފް ޝަރީޢާ ވެސްް ފުރިހަމަ ކުރައްވާފައެވެ.

ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ)ގެ މަގާމުގައި އެންމެ ފަހުން ހުންނެވި އިސްމާއިލް ނަވީން އެ މަގާމާ ހަވާލުވެވަޑައިގެންނެވީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ އޭގެ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު، މިދިޔަ އަހަރުގެ އޭޕްރީލް 26 ގައި ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައި، ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.