ހޮނިހިރު ދުވަހު ރާއްޖޭގައި ކުރިއަށްދިޔަ އިންތިޚާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 73 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން ބުނީ އިއްޔެ ބޭއްވި ތިން އިންތިހާބުގައި ވޯޓުލުމުގެ ހައްގު 253،714 މީހަކަށް ލިބިފައިވާ ކަމަށެވެ.

އަދި އޭގެތެރެއިން 214،898 މީހުން ވޯޓުލާފައިވާ ކަމަށް އީސީން ބުނެއެވެ.

އަދި މިއީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 73 އިންސައްތަ ކަމަށް އީސީން ވަނީ ހާމަކޮށްފައެވެ.

ކައުންސިލް އިންތިހާބެއްގައި އެންމެ ގިނަ ބަޔަކު ވޯޓުލީ މިފަހަރު ކަމަށްވާއިރު، މިއީ 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލީ މީހުންނާ އަޅާބަލާއިރު ހަ ޕަސެންޓު އިތުރު އަދަދެކެވެ.

އެ ފަހަރު ވޯޓުލާފައި ވަނީ، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 183,000 އެއްހާ މީހުންނެވެ. އަދި އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 67 ޕަސެންޓެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ހޮވުމާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބެލުމަށް އިއްޔެ ނެގި އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ރާއްޖޭގެ 5 ސިޓީގެ މޭޔަރުގެ މަގާމާއި ސިޓީ ކައުންސިލް ގިނަ ގޮނޑިތައް ކާމިޔާބު ކޮށްފައި ވަނީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީންނެވެ.

ގިނަ ރަށްރަށުގެ ކައުންސިލްތަކުގެ ގޮނޑިތަކާއި ކައުންސިލް ރައީސްގެ މަގާމު ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފައިވާއިރު ގިނަ ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމުވެސް ކާމިޔާބުކޮށްފައިވަނީ ޕީއެންސީންނެވެ.

މީގެ އިތުރުން މައި ދެ އިންތިޚާބުކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ނެގި ވޯޓުގައި ގިނަ ރައްޔިތުން ތާއީދުކޮށްފައި ވަނީ އެ ދެ އިންތިޚާބު އެއް ދުވަހެއްގައި ނުބޭއްވުމަށެވެ.