އަލަށް އިންތިޚާބުވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއެކު އެއްވެސް ތަފާތު ކުރުމެއް ނެތި މަސައްކަތް ކުރައްވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އަލަށް އިންތިޚާބުވި ބޭފުޅުންނަށް މަރުޙަބާ ވިދާޅުވެ ކުރެއްވި އެސް ޕޯސްޓެއްގައެވެ.
ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް މަރުޙަބާ ވިދާޅުވެފައެވެ.
އަދި އަލަށް އިންތިޚާބު ކުރެވޭ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކޮށް، ރައްޔިތުންނާއި ގާތުން، އުންމީދީ އަދި ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އަލަށް ހުވާކުރާ ކައުންސިލްތަކާއެކު ލާމަރުކަޒީ ނިޒާމަށް އިތުރު ދިރުން ލިބޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި ގިނަ ގޮނޑިތައް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ ކާމިޔާބު ކުރައްވާފައެވެ.