ޚިދުމަތްކުރުމުގައި މަޤްސަދެއް އޮތް މީހަކު ދެ ސަފްޙާ ދޭތެރެއިން ނުގެއްލޭނެ ކަމަށް މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއްޠަލިބު މިހެން ވިދާޅުވީ އިއްޔެ ބޭއްވި އިންތިޚާބުގެ ނަތީޖާއަށް އިޝާރާތްކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރު މުއްޠަލިބުގެ ޕޯސްޓުގައި ވިދާޅުވީ ޑިމޮކްރަސީގެ މަގަކީ ސީދާ އެއްކޮޅަށް ދަތުރުކުރާ އަދި އަބަދު އެއްކޮޅަކަށް ވައިޖެހޭނެ މަގެއް ނޫން ކަމަށެވެ.

ބައެއް ފަހަރު ރައްޔިތުން ތިމާގެ ފަހަތުގައި ތިބެ ވަޔާ އެއްކޮޅަށް ދާން ހިތްވަރުދޭނެ ކަމަށާއި، އަނެއްބައި ފަހަރު ކުރިމަތިން ހުރަސްއަޅައި ވަޔާ ދެކޮޅަށް ދަތުރުކުރަންވެސް ރައްޔިތުން އަންގާނެކަމަށް މުއްތަލިބު ވިދާޅުވިއެވެ.

އަދި ކޮންމެ ނަތީޖާއަކީ ނިމުމެއް ނޫންކަމަށާއި،ކާމިޔާބީ ލިބުމުން އެކަމާމެދު ހިތްތިރިކުރަން ޖެހޭނެ ކަމަށް މިނިސްޓަރު މުއްޠަލިބު ވިދާޅުވިއެވެ.

ރައްޔިތުންނަށް ޚިދުމަތް ކުރުން މިންކުރަންޖެހޭނީ ހަމައެކަނި ލިބޭ ކާމިޔާބީއަކުން ނޫންކަމަށާއި، އެއީ ސާބިތުކަމާއެކު ކަންކަން އިސްލާޙުކޮށް ރައްޔިތުންގެ އިތުބާރު ހޯދަން ކުރާ މަސައްކަތުން މިންކުރެވޭނެ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑިމޮކްރަސީގައި ރައްޔިތުންގެ ކޮންމެ ނިންމުމަކަށްވެސް އިޙްތިރާމްކުރަންޖެހޭނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތްކުރަން ނުކުމެ ހުންނަ ކޮންމެ މީހަކީވެސް ރައްޔިތުންގެ ނިންމުމުން ފިލާވަޅު ލިބިގަނެ، އަބުރުވެރިކަމާއެކު ކުރިއަށްދާން ހިތްވަރުކުރާ މީހަކަށް ވާންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، ތާރީޚަކީ އެންމެ ދުވަހަކުން ލިޔެވޭ އެއްޗެއް ނޫންކަމަށާއި އެ ލިޔެވެނީ ބައިބަޔަށްކަން މިނިސްޓަރުގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ ޚިދުމަތްކުރުމުގައި ތެދުވެރި މަޤްޞަދެއް އޮތް މީހަކު ތާރީޚުގެ ޞަފްޙާތަކުގެ ދޭތެރެއިން ދުވަހަކުވެސް ގެއްލިގެން ނުދާނެކަމަށް މިނިސްޓަރު މުއްޠަލިބު ވިދާޅުވިއެވެ.