އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ދިވެހި ރައްޔިތުން ވަނީ ރައީސް މުއިއްޒަށް ސާފުކޮށް ނޫނެކޭ ބުނެފައި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވެފައި ވަނީ އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ހޮވުމާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބެލުމަށް އިއްޔެ ނެގި ވޯޓުގެ ނަތީޖާއަށް އިޝާރާތްކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ.
ފައްޔާޒުގެ ޕޯސްޓުގައި ވަނީ އިންތިހާބުގައި ކާމިޔާބު ހޯއްދެވި އެމްޑީޕީގެ ކައުންސިލަރުންނާއި، ޑަބްލިއުޑީސީ މެންބަރުންނަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.
ފައްޔާޒުގެ ޕޯސްޓުގައި ވިދާޅުވީ އެ ކާމިޔާބީގެ އަސްލަކީ ޕާޓީގެ ހިތްވަރުގަދަ އާންމު މެންބަރުން ކަމަށެވެ.
އަދި އެއް އަމާޒަކަށް މަސައްކަތް ކުރެއްވި ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އާއި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އަދި ލީޑާޝިޕަށް ފައްޔާޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ފައްޔާޒު ވިދާޅުވީ މިއަދުގެ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ދިވެހި ރައްޔިތުން ވަނީ ރައީސް މުއިއްޒަށް ސާފުކޮށް ނޫނެކޭ ބުނެފައި ކަމަށެވެ.
އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީއަށް އިތުބާރުކޮށް، ރައީސްގެ ހުދުމުހުތާރު އެޖެންޑާއާ ދެކޮޅަށް ވޯޓު ދެއްވި އެންމެހާ ރައްޔިތުންނަށް ފައްޔާޒު ވަނީ ޝުކުރު ދަންނަވާފައެވެ.
މިއީ ބާރުތައް މަސްހުނިކުރުމާއި، އިގުތިސާދު ފަނާކުރުމާއި، ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން ދިން ސާފު މެސެޖެއް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
ހަމައެހެންމެ މިއީ އިދިކޮޅު ފަރާތްތަކުން ހިޔާލު ތަފާތުވުންތައް އެއްކިބާކޮށް ގައުމީ މަސްލަހަތަށް މަސައްކަތް ކުރުމުގެ ނަތީޖާ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ރައްޔިތުންގެ އަޑު އުފުލައި، މި ސަރުކާރު ބަދަލުކުރުމުގެ ޒިންމާ އުފުލަން އެމްޑީޕީ އޮތީ ތައްޔާރަށް ކަމަށެވެ.
މީގެ އިތުރުން ފައްޔާޒުގެ ޕޯސްޓުގައި ވަނީ "ދިވެހިރާއްޖެ އަލުން ހޯދުމުގެ މަސައްކަތް މި ފެށުނީ" ކަމަށްވެސް ވިދާޅުވެފައެވެ.