އިއްޔެ ބޭއްވި ތިން އިންތިހާބުގެ ނަތީޖާ ބަލައިގަންނަ ކަމަށާއި ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންތިހާބުގެ ނަތީޖާއާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ‏އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ނަތީޖާ އިހްތިރާމާއެކު ބަލައިގަންނަ ކަމަށެވެ.

އަދި މިއިންތިހާބު ކާމިޔާބު ކުރެެއްވި ހުރިހާ ފަރާތްތަކަށް ތަހްނިޔާ ދަންނަވާ ކަމަށްވެސް ރަައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ‏ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.