މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ ހިމެނޭހެން ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަމުގެ ގޮނޑި ވެސް އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށް، އެ ޕާޓީގެ ހުރިހާ މޭޔަރުން ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާތައް މިހާރު އިއުލާނު ކުރަމުން އަންނައިރު މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ މޭޔަރުކަން ވެސް އެމްޑީޕީއަށް ވަނީ ކަށަވަރުވެފައެވެ.

ތިނަދޫ ފިޔަވައި ދެން ހުރި ހުރިހާ ގޮނޑިއެއް އެމްޑީޕީން ތަފާތު ބޮޑުކޮށް ކާމިޔާބުކޮށްފައި ވާއިރު ތިނަދޫ ސިޓީގައި މިހާރުގެ މޭޔަރު ސައުދު ޢަލީ އާއި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު މުޙައްމަދު އަޖީބާ ދެމެދު އޮތީ ފަންސާހެއްހާ ވޯޓުގެ ފަރަގެކެވެ.

މިއަދު ބޭއްވި މި އިންތިޚާބުގެ ވަގުތީ ނަތީޖާތައް އަދިވެސް އަންނަނީ ލިބެމުންނެވެ.

ނަމަވެސް މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، އެމްޑީޕީ މޭޔަރުން ވަނީ އިންތިޚާބު ކާމިޔާބު ކުރައްވާނެކަން ކަށަވަރު ކުރައްވާފައެވެ.

މާލޭގެ މޭޔަރުކަމުގެ އިންތިހާބުގެ މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، 43 ޕަސެންޓަށް ވުރެ ގިނަ ވޯޓާ އެކު ކުރީގައި އުޅުއްވަނީ މިހާރު ވެސް މާލޭގެ މޭޔަރު އާދަމް އާޒިމް އެވެ.

ފުވައްމުލަކު ސިޓީގެ މޭޔަރު އެމްޑީޕީގެ ކެންޑިޑޭޓު އިސްމާއިލް ރަފީގު މިއަދުގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅުއްވަނީ ވަރަށް ބޮޑު ތަފާތަކުންނެވެ.

އަދި އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފައި ވާއިރު އައްޑޫ ސިޓީގެ މޭޔަރުކަމުގެ ގޮނޑި ވެސް ކާމިޔާބުކުރައްވާފައިވަނީ، އެމްޑީޕީގެ ކެންޑިޑޭޓު އަދި މިހާރު ވެސް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު އެވެ.

މީގެ އިތުރުން ކުޅުދުއްފުށި ސިޓީގެ މޭޔަރުކަންވެސް ކާމިޔާބު ކޮށްފައި ވަނީ މިހާރުވެސް އެސިޓީގެ މޭޔަރު އެމްޑީޕީގެ ކެނޑިޑޭޓް އާތިފް އެވެ.

މީގެ އިތުރުން މިއަދުގެ އިންތިހާބުގައި އެންމެ ވާދަވެރިކަން ބޮޑުވި، ތިނަދޫ ސިޓީގެ މޭޔަރުކަންވެސް ކާމިޔާބު ކުރައްވާފައި ވަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު މޭޔަރު ސައުދު އަލީ ކަމަށް ވަގުތީ ނަތީޖާތަކުން ދައްކައެވެ.