ކައުންސިލްތަކުގެ މެންބަރުންނާއި ސިޓީތަކުގެ މޭޔަރުން އިންތިޚާބު ކުރުމުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއިމެދު ފެންނަ ގޮތެއް ނިންމުމަށް މިއަދު ކުރިއަށްގެންދިޔަ އިންތިޚާބުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބުނު ފުރިހަމަ އެއްބާރުލުމާއި ދެއްކެވި ކެތްތެރިކަމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުން ޝުކުރު އަދާކޮށްފިއެވެ.

މިކަންހާމަކޮށްފައި ވަނީ ފުލުހުން ނެރުނު ނޫސް ބަޔާނެއްގައެވެ.

ފުލުހުން ނެރުނު ނޫސް ބަޔާނުގައި ބުނީ މި އަދަކީ އާދަޔާ ހިލާފަށް ހޫނުގަދަ ދުވަހަކަށްވީނަމަވެސް އިންތިހާބުގެ ކަންތައް ކުރިއަށްދިޔަވަގުތު އާންމު ރައްޔިތުން ދެއްކެވި ކެތްތެރިކަމާއި ދެއްވި އެއްބާރުލުން ދިވެހި ފުލުހުންގެ ފަރާތުން ފާހަގަކުރާ ކަމަށެވެ.

ޚާއްސަކޮށް ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ފުލުހުން ދެމުންދިޔަ އިރުޝާދުތަކަށް ރައްޔިތުން ފުރިހަމައަށް ބޯލަނބައި، ގާނޫނީ އިމުގެ ތެރެއިން އަމަލުކުރުމުގެ ސަބަބުން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި އިންތިހާބުތަކުގެ ތެރޭގައި ސަލާމަތީ ގޮތުން ފާހަގަކުރެވޭ ފަދަ ނުރައްކާތެރި އެއްވެސް ހާދިސާއެއް ހިނގާފައިނުވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

އަދި އިންތިހާބާ ގުޅިގެން ހިނގި އެކި ކަންކަމުގައި ފުލުހުންގެ ބެލުމުގެ ދަށަށް ބައެއް މީހުން ގެނެވުނު ނަމަވެސް، މިހާރު އެއްވެސް މީހަކު ފުލުހުންގެ ބަންދުގައި ނެތް ކަމަށްވެސް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

މުޅި ރާއްޖޭގައި ހަރަކާތްތެރިވި ފުލުހުން ކުރި ބުރަ އަދި އިޚްލާސްތެރި މަސައްކަތްތައްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި ވޯޓުލާ މަރުކަޒުތަކުގެ އަމަންއަމާންކަން ދެމެހެއްޓުމުގައާއި ވޯޓުލާން ދިޔަ ރައްޔިތުންނަށާއި، އޮފިޝަލުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަމޫނާ މަސައްކަތްތަކެއް ފުލުހުން ކޮށްދީފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން ފުލުހުން ނެރުނު ބަޔާނުގައި ބުނީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މުޖްތަމަޢުގެ އަމަންއަމާންކަން ދެމެހެއްޓުމުގައި ދިވެހި ފުލުހުންގެ ޚިދުމަތް އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެކަމަށެވެ.