ތިން ވޯޓެއް ނެގުމަށް މިއަދު ކުރިއަށްގެންދާ އިންތިޚާބުގައި މެންދުރު 2:00 ޖެހުމާ ހަމައަށް 131،947 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ހޮވުމާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބެލުމަށް ނަގާ އިންތިހާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8 ޖެހި އިރުއެވެ. އަދި ވޯޓްލުން މިއަދު ހަވީރު 16:00 ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ.
އީސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަދު މެންދުރު 2 ޖެހުމާ ހަމައަށް 131،947 މީހަކު ވަނީ ވޯޓު ލާފައެވެ. އެއީ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ތެރެއިން %44.75 މީހުން ކަމަށް އީސީން ހާމަކުރެއެވެ.
މީގެ އިތުރުން މިހާތަނަށް ވޯޓުލި 131،947 މީހުންގެ ތެރޭގައި 63،175 އަންހެނުންނާއި 6،8772 ފިރިހެނުން ހިމެނެއެވެ.
ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން 588 ވޯޓުލާ މަރުކަޒު ރާއްޖޭގައި ގާއިމްކޮށް ތިން އިންތިހާބަށް 888,845 ވޯޓު ކަރުދާސްކޮޅު ވަނީ ޗާޕުކޮށްފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 2،961 ކެންޑިޑޭޓުން ވާދަކުރެއެވެ. އެއީ ކައުންސިލްގެ މަގާމަށް ކުރިމަތިލި 1،368 ކެންޑިޑޭޓުންނާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1،593 ކެންޑިޑޭޓުންނެވެ.