މިއަދު ކުރިއަށްދާ އިންތިޚާބުތަކުގައި ވޯޓުލުމުގެ ކަންކަން އިންތިޒާމުވެފައިވާ ގޮތާއި ކުރިއަށްދާ ގޮތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ވޯޓުލެއްވުމަށްފަހު މީޑިއާތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓު ލެއްވުމަށްފަހު މީޑިއާ ބައްދަލުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ވޯޓުލުމުގެ ކަންކަން އިންތިޒާމުވެފައިވާ ގޮތާއި ކުރިއަށްދާ ގޮތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

އަދި މި އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދިޔަ ކެމްޕެއިން ހަރަކާތްތަކަކީ ވަރަށް ސުލްހަވެރި އެހާމެ ޖޯޝުން ފުރިގެންވީ ހަރަކާތްތަކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”ވަރަށް ހިތްހަމަޖެހޭ. ވަަރަށް އޮމާންކަމާ އެކު ހުރިހާ ބޭފުޅުން ވެސް ވޯޓުދެމުން އެބަ ގެންދޭ. ދެން އަދި ކެމްޕޭންތައް ވެސް ސުލުހަވެރިކަމާ އެކު ހުރިހާ ޕާޓީތަކުން ވެސް ވަރަށް ޖޯޝާއި ފޯރީގައި ކެމްޕޭންތައް ވެސް ހިންގިއްޖެ. އަޅުގަނޑުގެ ހިތަށް ވަރަށް އުފާވެރިކަމެއް ލިބޭ މަންޒަރުތަކެއް ޑިމޮކްެރަސީ ހިނގަމުންދާ ތަން ފެންނަކަމީ“

ރައީސް ނަޝީދު

މީގެ އިތުރުން ވޯޓުލުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ މަސްއޫލިއްޔަތެއްގެ އިތުރުން ގައުމީ ވާޖިބެއްކަން ފާހަގަކުރައްވައި، ވީހާވެސް ގިނަ ރައްޔިތުން ނުކުމެ ވޯޓުލުމުގެ ހައްގު އަދާކުރުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.