ތިން ވޯޓެއް ނެގުމަށް މިއަދު ކުރިއަށްދާ ވޯޓުގައި 11 ޖެހުމާއި ހަމައަށް 58 ހާހަށްވުރެ ގިނަ މީހުން ވޯޓު ލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ހޮވުމާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބެލުމަށް ނަގާ އިންތިހާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8 ޖެހި އިރުއެވެ.
އަދި ވޯޓްލުން މިއަދު ހަވީރު 16:00 ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ.
އީސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 11 ޖެހުމާ ހަމައަށް 58819 މީހަކުވަނީ ވޯޓު ލާފައެވެ. މީގެ ތެރޭގައި 25761 އަންހެނުން އަދި 33058 ފިރިހެނުން ހިމެނެއެވެ.
ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން 588 ވޯޓުލާ މަރުކަޒު މުޅި ރާއްޖޭގައި ވަނީ ގާއިމްކޮށްފައެވެ. އަދި ތިން އިންތިހާބަށް 888,845 ވޯޓު ކަރުދާސްކޮޅު ވަނީ ޗާޕުކޮށްފައެވެ.
އިންތިހާބުގައި ވޯޓުލުމަށް ކޮންމެ މީހަކަށްވެސް ތިން ކަރުދާސްކޮޅު ދޭނެއެވެ. ކޮންމެ ކަރުދާހެއްވެސް ލާންޖެހޭނީ އެ އިންތިހާބަކަށް ހާއްސަކޮށްފައިވާ ފޮއްޓަށެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ކޮންމެ މަރުކަޒެއްގައިވެސް ވޯޓުލުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.