ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ހޮވުމާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބެލުމަށް ނަގާ އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

ތިން އިންތިހާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 ގައެވެ. ވޯޓްލުން މިއަދު ހަވީރު 16:00 ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ.

ވޯޓުލަށް އިލެކްޝަންސް ކޮމިޝަނުން 588 ވޯޓުލާ މަރުކަޒު މުޅި ރާއްޖޭގައި ވަނީ ގާއިމްކޮށްފައެވެ. އަދި ތިން އިންތިހާބަށް 888,845 ވޯޓު ކަރުދާސްކޮޅު ވަނީ ޗާޕުކޮށްފައެވެ.

އިންތިހާބުގައި ވޯޓުލުމަށް ކޮންމެ މީހަކަށްވެސް ތިން ކަރުދާސްކޮޅު ދޭނެއެވެ. ކޮންމެ ކަރުދާހެއްވެސް ލާންޖެހޭނީ އެ އިންތިހާބަކަށް ހާއްސަކޮށްފައިވާ ފޮއްޓަށެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ކޮންމެ މަރުކަޒެއްގައިވެސް ވޯޓުލުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ތެރެއިން، ވޯޓެއްގައި ބައިވެރިވާން ބޭނުން ނުވާނަމަ އެ ފުރުސަތު ކޮންމެ ދިވެހި ރައްޔިތަކަށް އޮންނާނެއެވެ. އަދި ވޯޓެއްގައި ބައިވެރިވާން ބޭނުން ނުވާ ކަމުގައި ވަނީނަމަ، އެ ކަރުދާސް ކޮޅު ނުދީ ވޯޓުލާ މަރުކަޒުތަކުގައި އެ ވަގުތު އިއުލާން ކުރާނެ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.