މައްސަލައެއް ދިމާވިޔަސް 10 މިނެޓްތެރޭގައި ހައްލުކޮށް، ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންސް(އީސީ)ގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް އިލެކްޝަންސް ކޮމިޝަނުންވަނީ ހުރިހާ ތައްޔާރީތަކެއް ވެފައެވެ.

އީސީގެ ރައީސް ވިދާޅުވީ، އިންތިހާބުތަކުގެ ވޯޓުލުމުގެ ހުރިހާކަމެއްވެސް ކުރިއަށްދަނީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ނުރަނގަޅު އެންމެހާ ނުފޫޒަށް ލެނބުމެއް ނެތިކަން ކަށަވަރުކުރުމަށް ކޮމިޝަނުންކުރަންޖެހޭ ހުރިހާކަމެއްވެސް ކޮށްފައިވާކަމަށެވެ. އެކަމުގައި ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ ވުޒާރާތަކާއި، ސިޔާސީ ޕާޓީތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުން އަދި ރައްޔިތުންގެ ފަރާތުން މިހާތަނަށް ލިބިފައިވާ އެއްބާރުލުން ކޮމިޝަނުގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އިސީގެ ރައީސް ވިދާޅުވީ، މާދަމާ އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުންނަށް އަމާން ކަމާއެކު ވޯޓުލުމުގެ އިންތިޒާމުތަށް އެ ކޮމިޝަނުން ހަމަޖައްސާފައިވާ ކަމަށާއި އެގޮތުން ވޯޓުލުމުގައި އެއްވެސް މައްސަލަ އެއް ދިމާވެއްޖެނަމަ އެންމެ ގިނަ ވެގެން 10 މިނެޓުތެރޭގައި ހައްލުކޮށް ވޯޓުލުމުގެ ކަން ކަން ކުރިޔަށް ގެންދާނެ ކަމަށެވެ.

އީސީން ބުނީ، މިއިންތިހާބު އޮބްޒަރވްކުރުމަށް، ލޯކަލް އޮބްޒާވަރުންގެ ގޮތުގައި 1,626 ފަރާތަކާ، ބައިނަލްއަގްވާމީ އޮބްޒާވަރުންގެ ގޮތުގައި 38 ފަރާތެއް ހަރަކާތްތެރިވާނެކަމަށެވެ. އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 4,021 ފަރާތަކާއި އިންތިހާބުގެ ކަންކަން މޮނީޓަރ ކުރުމަށް، 3,275 ފަރާތެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓުލާ ދުވަހު ހަރަކާތްތެރިވާނެކަމަށް ވެސް އީސީގެ ރައީސް ވަނީ ވިދާޅުވެފައެވެ.