އިންތިޚާބުތަކުގައި ނުފޫޒުން އެއްކިބާވެ ވޯޓުލުމުގެ ޙައްޤު އަދާކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރުސީއެމް)އިން އެދިއްޖެއެވެ.

އެ ކޮމިޝަނުން މިގޮތަށް އެދިފައިވަނީ އެޗްއާރްްސީއެމްގެ ރައީސް ޑރ. ޢާއިޝަތު ރަމީލާ ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ މެސެޖެއްގައެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާ ގުޅިގެން، ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ މެސެޖެއްގައި

ރަމީލާ ވިދާޅުވީ، އިންތިޚާބުތަކުގައި ވޯޓުލުމުގައި ބައިވެރިވުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެއް ކަމަށެވެ.

އެގޮތުން މި ޙައްޤު އަދާކުރުމަކީ ވެރިކަމުގެ ނިޒާމު ހަރުދަނާ ކުރުމަށް ކޮންމެ ރައްޔިތަކު އަދާކުރަންޖެހޭ އެންމެ މުހިންމު ޒިންމާއެއްކަމަށް ރަމީލާ ވަނީ ވިދާޅުވެފައެވެ.

ރަމީލާ ވިދާޅުވީ ޤައުމުގެ ކަންކަން ރާވާ ހިންގުމާއި މުސްތަޤުބަލު ބިނާކުރުމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށެވެ. އަދި ކޮންމެ މީހަކުވެސް ލާ ވޯޓަކީ އެމީހަކު އަމިއްލަ އިޚްތިޔާރުގައި ތިމާ ބޭނުންވާ ކެންޑިޑޭޓަކަށް ދޭ ވޯޓަކަށް ހަދަންޖެހޭ ކަމަށް ރަމީލާ ވިދާޅުވިއެވެ.

ހަމައެހެންމެ ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ޙައްޤުތަކަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ރަމީލާ ވަނީ އެދިވަޑައިގެންފައެވެ.

ވޯޓުގެ ނަތީޖާ އިޢުލާން ކުރުމަށްފަހުވެސް، މުޖުތަމަޢުގެ މަޞްލަޙަތު އިސްކޮށް، އެކުވެރިކަމާއި އިޙްތިރާމްގެ ސިފަތައް ކުރިއަށް ނެރުމަށާއި އެއްވެސް ކަމެއްގައި ދެބަސްވުމެއް އުފެދިއްޖެ ނަމަ، ޤާނޫނީ އިމުގެ ތެރެއިން ޞުލްޙަވެރިކަމާއެކު އެކަމަށް ޙައްލު ހޯދުމަށް ރަމީލާ ވަނީ އެދިވަޑައިގެންފައެވެ.