ހއ. އުތީމުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފިއެވެ.
މި ސެންޓަރ ހުޅުވާފައިވަނީ އުތީމުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި މި ސެންޓަރ ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުލްޣަފޫރު އަޙްމަދެވެ.
ކީރިތި ގުރްއާނާ ބެހޭ މަރުކަޒުން ބުނީ، އުތީމު އައުޓްރީޗު ސެންޓަރުގައި، އެ މަރުކަޒުގެ ހުރިހާ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މީގެ ތެރޭގައި އެންމެ ހާއްސަ ޕްރޮގްރާމަކީ ކީރިތި ގުރްއާން ހިތުދަސްކުރުމުގެ ކުލާސްތައްކަމަށް އެ މަރުކަޒުން ވަނީ ބުނެފައެވެ. މި ކުލާސްތަކުގައި އުމުރުން 7 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް ބައިވެރި ވެވޭނެކަމަށާއި މީގެ އިތުރުން، ގާރީ ކޯސް ސެޓްފިކެޓް ލެވެލް 1 އިން ފެށިގެން 4 އާ ހަމައަށް ކުރިޔަށް ގެންދެވޭނެކަމަށް އެ މަރުކަޒުން ބުނެއެވެ.
ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒުން ބުނީ، މިހާރު މި ސެންޓަރުގެ ޙިފްޒު ކުލާސްތަކަށް ދަރިވަރުން ނެގުމަށް ވަނީ އިއުލާންކުރެވިފައިކަމަށެވެ.
އެގޮތުން12 އޭޕްރީލްގެ ނިޔަލަށް، މަރުކަޒުގެ ކޯސްތަކަށް އެޕްލައިކުރާ ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރެވޭނެކަމަށާއި އެޕްލައިކުރާ ބައިވެރިންނާއި އިންޓަވިއުކޮށް، ޤުރްއާން ކިޔަވަން އެނގޭ މިންވަރު ވަޒަންކުރުމަށްފަހު މި ކްލާހަށް ދަރިވަރުންނަށް ފުރުސަތު ދެވޭނެކަމަށް ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒުން ބުނެއެވެ.