މިދިޔަ މަހު މަސްވެރިންނަށް 29.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިފްކޯއަށް މަސް ކިރުވާފައިވާ ދޯނިތަކުގެ އަދަދަު އިތުރުވެ، މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.

އެގޮތުން މިދިޔަ މަހު މިފްކޯއަށް 591 ދޯންޏަކުން މަސް ކިރުވާފައިވާއިރު، މިއީ ފެބުރުއަރީ މަހު މިފްކޯއަށް މަސްކިރުވި ދޯނީގެ އަދަދާއި އަޅާބަލާއިރު 14 އިންސައްތަ އިތުރު އަދަދެކެވެ. ފެބުރުއަރީ މަހު މިފްކޯއަށް 514 ދޯންޏަކުން ވަނީ، މަސް ކިރުވާފައެވެ.

މިފްކޯއަށް މަސް ކިރުވި ދޯނީގެ އަދަދު އިތުރުވެފައިވާއިރު، މި ދޯނިތަކުން ކިރުވި މަހުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު މިފްކޯގެ އެކި ފެސިލިޓީތަކަށް މުޅި ޖުމްލަ 1،625 ޓަނުގެ މަސް ކިރުވާފައިވެއެވެ. ފެބުރުއަރީ މަހު މިފްކޯއަށް ކިރުވާފައިވަނީ، 1،180 ޓަނުގެ މަހެވެ. އެހެންކަމުން މިއީ 37 އިންސައްތައިގެ އިތުރުވުމެކެވެ.

މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، މަސްވެރިކަން ރަނގަޅުވެ، މަސްކިރުވާ ދޯނިތަކުގެ އަދަދު އިތުރުވުމާއެކު މަސްވެރިންނަށް ފައިސާ ދޫކުރި އަދަދުވެސް މި މުއްދަތުގެ ތެރޭގައި ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު މަސްވެރިންނަށް މުޅި ޖުމްލަ 29.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، އޭގެ ކުރީ މަހު ދޫކޮށްފައިވަނީ 20.3 މިލިޔަން ރުފިޔާއެވެ. މިއީ، 44 އިންސައްތައިގެ އިތުރުވުމެކެވެ.

މީގެކުރިން މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވި ނަމަވެސް މިހާރު ލަސްވެގެން 48 ގަޑިއިރު ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެވެ. މަސް ގަންނަ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާއިރު، ރާއްޖޭގެ ހުރިހާ ހިސާބަކުން އެއް ހަމައެއްގައި ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތްވެސް ދަނީ ހަމަޖައްސަމުންނެވެ.