މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން އަންނާތީ ހަރަދުކުޑަކުރަން ބަންގްލަދޭޝް ސަރުކާރުގެ ރަސްމީ ގަޑި ކުރުކޮށްފިއެވެ.
މިކަންހާމަކޮށްފައި ވަނީ ބަންގްލަދޭޝްގެ ވަޒީރުންގެ މަޖިލީހުން ތަޞްދީޤުކުރި އައު އުސޫލެއްގެ ދަށުންނެވެ.
ރިޕޯޓުތައް ބުނާގޮތުން ބަންގްލަދޭޝްގެ ސަރުކާރު އޮފީސްތަކުގެ ރަސްމީގަޑިއަކީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކަމުގައި ވަނީ ކަނޑައަޅާފައެވެ.
އަދި އެ ގައުމުގެ ބާޒާރުތަކާއި ފިހާރަތައް އިރުއޮއްސި 6:00 ގައި ބަންދުކުރުމަށްވެސް ވަނީ އަންގާފައެވެ. މީގެ އިތުރުން، މަދަރުސާތަކުގައި ކިޔަވައިދޭ ވަގުތަށް ބަދަލުގެނައުމަށް، ނުވަތަ އޮންލައިން ކުރުމަށް އެ ގައުމުގެ އެޑިޔުކޭޝަން މިނިސްޓްރީއަށް އެނގުމަށް ނިންމާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުން
ކިޔަވައިދޭތަންތަނަށް ޚާއްޞަ އިލެކްޓްރިކް ބަސް އެތެރެކުރުމުގައި އިންޕޯޓު ޑިއުޓީ މާފުކޮށްދިނުމަށް ވެސް އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބަންގްލަދޭޝްގެ ސަރުކާރު އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑި ކުރުކޮށް، ހަރަދުކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާއިރު ތެލާއި ކައްކާ ގޭސް އެތެރެކުރުމަށް 2.5 ބިލިޔަން ޑޮލަރުގެ އެހީ ހޯދުމަށް ވެސް ބަންގްލަދޭޝް ސަރުކާރުން މިހާރު ދަނީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއެކު މަޝްވަރާ ކުރަމުންނެވެ.
އެމެރިކާ އިސްވެ އޮވެ އިޒްރޭލާއި ބައިވެރިވެގެން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ރައްދުގައި އީރާނުން ހަމަލާ ދޭން ފެށުމާއެކު މެދުއިރުމަތީގެ ދަތުރުފަތުރުގެ ނިޒާމަށް ވެސް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ.
މިގޮތުން މެދުއިރުމަތިން ތެޔޮ ސަޕްލައި ކުރަން ބޭނުންކުރާ ހޮރްމުޒް ކަނޑުއޮޅި ވެސް އީރާނުން ވަނީ ބަންދުކޮށްފަ އެވެ. އެކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެެ އަގު އުފުލެން ފަށާފައިވާއިރު، ގައުމުތަކުގައި މުދަލާއި ޚިދުމަތުގެ އަގުތައް ދަނީ އުފުލެމުންނެވެ.
އެހެންކަމުން މި ހަނގުރާމަ ދިގުލައިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައި ވާތީ ގައުމުތަކުން ދަނީ ޒަރޫރީ ޚިދުމަތްތައް ދެމެހެއްޓުމަށްޓަކައި ތެލުގެ ޚަރަދުކުޑަކޮށް އިގްތިޞާދީގޮތުން ފިޔަވަޅުތައް އަޅަމުންނެވެ.