މި އަހަރުގެ ސެޕްޓެމްބަރު މަހު، " ވޯލްޑް ކްރިއޭޓަރ ސަމިޓް އެންޑް ވޯލްޑް ކްރިއޭޓާ އެވޯޑްސް ޕަވަރޑް ބައި ކްރިއެޓޯލް " ގެ ނަމުގައި ފަންނުވެރިކަމުގެ ދާއިރާއިން ތާރީޚީ ބޮޑު ހަރަކާތެއް ރާއްޖޭގައި ބޭއްވުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން ތައްޔާރުވެއްޖެއެވެ.

ވީއެމްސީ އިން މިއަދު ބުނީ މިއަހަރުގެ ސެޕްޓެމްބަރު 20 އިން 25 އަށް ކުރިއަށްދާ މި ޕްރޮގްރާމަކީ، ފަތުރުވެރިކަމުގެ ދާއިރާގައި "ކްރިއޭޓަރ-ލެޑް ސްޓޯރީޓެލިންގ"ގެ ނުފޫޒު އިތުރުވަމުންދާތީ، އެކަމަށް އަމާޒުކޮށްގެން ބާއްވާ މަތީ ފަންތީގެ ބައިނަލްއަގުވާމީ ހަރަކާތެއް ކަމަށެވެ.

މި ހަރަކާތުގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ކްރިއޭޓަރުންނާއި، ޕްލެޓްފޯމްތަކާއި، ޕަބްލިޝަރުންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުންގެ އިތުރުން މަޝްހޫރު ބްރޭންޑްތައް ބައިވެރިވާނެ ކަމަށް ވީއެމްސީން ހާމަކުރެއެވެ.

ވިޒިޓް މޯލްޑިވްސް އާއި ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ޝަރަފްވެރި އެވޯޑް "ވޯލްޑް ޓްރެވަލް އެވޯޑްސް" އިންތިޒާމުކުރާ ކުންފުންޏާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތަކީ، ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ނަތީޖާއަކަށް އަމާޒުކޮށްގެން، ދައުވަތު ދެވޭ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ޕްރީމިއަމް ޕްލެޓްފޯމެއް ކަމަށް ވީއެމްސީން ހާމަކުރެއެވެ.

މީގެ މައިގަނޑު މަގުސަދަކީ ރާއްޖެއަކީ މުސްތަގުބަލުގައި ފަންނުވެރިކަމާއި، ކްރިއޭޓަރ އިކޮނޮމީގެ މައި މަރުކަޒަކަށް ހެދުން ކަމަށް ވީއެމްސީން ބުނެފައި ވެއެވެ.

ވިޒިޓް މޯލްޑިވްސްގެ "ކްރިއޭޓަރ ޕްލެޓްފޯމް" ކަމަށްވާ "ކްރިއޭޓޯލް" މެދުވެރިކޮށް، ދުނިޔޭގެ ފެންވަރުގެ ހުނަރުވެރިންނާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބައިވެރިން ގުޅުވައިދޭނެއެވެ. އަދި އަސްލުވަންތަ، ފެންވަރު ރަނގަޅު އުފެއްދުންތަކާއި ބައިނަލްއަގުވާމީ ފެންވަރުގައި ދެވޭ މައުލޫމާތުގެ އެހީގައި ރާއްޖެ އިޝްތިހާރު ކުރުމަށް މަގުފަހިވާނެއެވެ.

ފަތުރުވެރިކަމުގެ މަންޒިލްތައް މާކެޓްކުރުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއެކު، މީހުންނަށް އާ ތަންތަން ތައާރަފުކޮށްދީ، އެ ތަންތަނުގެ ތަޖުރިބާ ހިއްސާކުރުމުގައި ކޮންޓެންޓް ކްރިއޭޓަރުންގެ ދައުރު އަންނަނީ ފުޅާވަމުންނެވެ.

މިފަދަ ފަންނުވެރިންނަށް އާންމުންގެ މެދުގައި އޮންނަ އިތުބާރާއި ތަރުހީބުފެ ސަބަބުން އެފަރާތްތައް މެދުވެރިކޮށް މަންޒިލްތަކަށް އާންމުންގެ ސަމާލުކަން ހޯދުމަށް އިތުރަށް ފަސޭހަވެގެންދެއެވެ.

އެ ސަމިޓުގައި ފަތުރުވެރިކަމުގެ އެކި ދާއިރާތައް ތަރައްގީކުރެވޭނެ އީޖާދީ ގޮތްތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ހަރަކާތުގެ މައިގަނޑު ބައިތައް:

ވޯލްޑް ކްރިއޭޓަރ ސަމިޓް: މިއީ ފަތުރުވެރިކަމުގެ މަންޒިލްތަކުގެ ވާހަކަ ދުނިޔެއަށް ހިއްސާކުރުމުގެ މުސްތަގުބަލާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ، ދައުވަތު ދެވޭ ފަރާތްތަކަށް ހާއްސަ ފޯރަމެކެވެ.

އަދި މިއީ އާދައިގެ ކޮންފަރެންސްތަކާ ހިލާފަށް، ބައިވެރިންގެ މެދުގައި މުއާމަލާތްކޮށް ގުޅުން ބަދަހިކުރުމަށް އިސްކަންދޭނެ ބައްދަލުވުމެއް ކަމަށް ވީއެމްސީން ހާމަކުރެއެވެ.

ވޯލްޑް ކްރިއޭޓަރ އެވޯޑްސް: މިއީ ޑިޖިޓަލް މީޑިއާ މެދުވެރިކޮށް މަންޒިލްތައް އިޝްތިހާރުކުރުމުގައި ފާޙަގަކޮށްލެވޭ އާންމުންގެ ތަރުހީބު ބޮޑު މި ދާއިރާގައި ނުފޫޒު ގަދަ ފަރާތްތަކަށް ދެވޭ ދުނިޔޭގެ ފެންވަރުގެ އެވޯޑެކެވެ.

2026 ވަނަ އަހަރު ބާއްވާ މި ސަމިޓުގެ ފުރަތަމަ އަދަދުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޮވާލެވޭ 50 ވަރަކަށް އެލީޓް ކޮންޓެންޓް ކްރިއޭޓަރުން ބައިވެރިވާނެއެވެ. މީގެ ތެރޭގައި އިންޑިއާ، ޗައިނާ، އިނގިރޭސިވިލާތް، ރަޝިއާ، ފްރާންސް، ޖަރުމަނު އަދި އިޓަލީ ފަދަ ޤައުމުތަކުގެ ކްރިއޭޓަރުން ހިމެނެއެވެ.