ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ 78 މުވައްޒަފުން އާންމު ވޯޓު އޮބްޒާވް ކުރުމަށް ހަރަކާތްތެރިވާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން އާންމު ކޮށްފައިވާ ބަޔަނެއްގައި ބުނީ އޭޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު 2026 އޮބްޒާވް ކުރުމުގެ ގޮތުން އެ ކޮމިޝަންގެ ފަރާތުން މާލޭގެ އިތުރުން 18 އަތޮޅެއްގެ 21 ރަށެއްގައި ކޮމިޝަންގެ 78 މުވައްޒަފެއް ހަރަކާތްތެރިވާނެ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ ވޯޓުފޮށި އޮބްޒާވްކުރުމުގެ މަސައްކަތް އެ ކޮމިޝަންގެ މުވައްޒަފުން ހެނދުނު 6:30 އިން ފެށިގެން ވޯޓުލާ ނިމުމާ ހަމަޔަށް ކުރިއަށް ގެންދާނެ ކަމަށެވެ.

އެގޮތުން މާލެ ސަރަހައްދުގައި ވޯޓުލާ ދުވަހުގެ އެކި ގަޑިތަކުގައި 208 ފޮށްޓެއް އޮބްޒާވްކުރުމުގެ އިތުރުން، އަތޮޅުތެރޭގެ 21 ރަށެއްގައި ޖުމްލަ 104 ފޮށްޓެއް އޮބްޒާވްކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކ. މާފުށި ޖަލުގައި ކޮމިޝަންގެ އޮބްޒާވަރުން ހަރަކާތްތެރިވަމުންދާނެއެވެ.

އިންތިހާބުތަކުގައި ބައިވެރިވުމާއި، ވޯޓުލުމަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ މުހިންމު އަސާސީ ހައްގެއް ކަން ފާހަގަކޮށް އެ ކޮމިޝަނުން ވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވޯޓުލުމުގެ ހައްގު އަދާކޮށް، ގައުމުގެ ކަންކަން ރާވާ ހިންގުމާ، ގައުމުގެ މުސްތަގްބަލް ބިނާކުރުމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށާއި، ތިމާ ދޭ ވޯޓަކީ އެހެންފަރާތެއްގެ ނުފޫޒެއްނެތި ތިމާ ބޭނުންވާ ކެންޑިޑޭޓަކަށް އަމިއްލަ އިހްތިޔާރުގައި ދެވޭ ވޯޓަކަށް ހެދުމަށާއި، ވޯޓުލުމަށް ލިބިދީފައިވާ ހައްގަށް ހުރިހާ ފަރާތަކުންވެސް ފުރިހަމައަށް އިހްތިރާމް ކުރުމަށް ގޮވާލައިފައެވެ.

މީގެ އިތުރުން ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ހައްގުތަކަށް ހުރަސް އެޅޭނޭ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށާއި، މުޖްތަމައުގައި އެކަކު އަނެކާއާ ސިޔާސީގޮތުން ހިޔާލު ތަފާތުވުން ހުރިކަމުގައި ވީނަމަވެސް އަމާންކަމާއި ސުލްހަވެރިކަން އިސްކޮށް ގާނޫނުގެ ވެރިކަމުގެ ތަރަހައިގެ ތެރެއިން ހައްލުތައް ހޯދުމަށް ކޮމިޝަނުން ވަނީ އެދިފައެވެ.