ނޯޓުގެ ނިއު އެޑިޝަން ފިހާރައަށް ފޭކް ސްލިޕް ފޮނުވައިގެން އެއްފަހަރާ ބޮޑު އަދަދަކުން ވިޔަފާރި ކުރި ޒުވާން ދެ އަންހެނުން ހޯދަން ފަށައިފިއެވެ.

ނިއު އެޑިޝަނުން ރޭ ކުރި ޕޯސްޓެއްގައި ވަނީ ފޭކު ސްލިޕް ފޮނުވައިގެން ވިޔަފާރި ކުރި ޒުވާން ދެ އަންހެނުންގެ ފޮޓޯ ހިއްސާކޮށްފައެވެ.

އާންމުކޮށްފައިވާ އެ ޕޯސްޓުގައި ފިހާރަތެރޭގައި އެ ދެ މީހުން އުޅޭތަން ފެންނަ ސީސީޓީވީ ފުޓޭޖެއް ވެސް ހިއްސާކޮށްފައިވެއެވެ.

އެ ދެ މީހުން އެ ފިހާރައިން ވިޔަފާރި ކުރާ މަންޒަރު ފެންނަ ވީޑިއޯ އާންމުކޮށް އެ ފިހާރައިން ބުނީ ފޭކު ސްލިޕް ފޮނުވައިގެން އެ ދެ އަންހެނުން 8،788.29ރ.ގެ ވިޔަފާރި އެތަނުން ކޮށްފައިވާ ކަމަށެވެ.

ވީޑިއޯގައި އެއް އަންހެނަކު ހުރީ ހުދު ކުލައިގެ ޓީޝާޓަކާއި ކަޅު ޖިންސެއް ލައިގެން އަދި ކަޅު ބުރުގާއެއް އަޅައި އެ ބުރުގާއިން ލޯ އެކަނި ފެންނަ ވަރަށް މޫނު ފޮރުވައިގެންނެވެ.

އަދި ދެން ހުރި އަންހެން މީހާ ބުރުގާ ނާޅާހުރިއިރު އޭނާ ލައިގެން ހުންނަނީ ރަތް ކުލައިގެ އަތްދިގު ޓޮޕަކާއި ކަޅު ކުލައިގެ ޖިންސެކެވެ.

ނިއު އެޑިޝަނުން ވަނީ އެ ދެ މީހުން ހޯދައިދޭން އާންމުންގެ އެހީއަށް އެދުމައްފަހު އެ ދެ މީހުން ހޯދާ މީހަކަށް އިނާމެއް ދޭނެ ކަންވެސް ހާމަކޮށްފައެވެ.