ދިވެހި ސަރުކާރުން ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު ދައްކައި ޚަލާސްކުރުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި އެ މަނިކުފާނުގެ ސަރުކާރަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ސުކޫކު ދައްކައި ޚަލާޞްކުރުމާ ގުޅިގެން ރައީސް މުޢިއްޒަށާއި އެ މަނިކުފާނުގެ ސަރުކާރަށް ގާސިމް މަރުހަބާ ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ގާސިމް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިއީ ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށާއި، އިޤްތިޞާދީމެނޭޖްމަންޓް ހަރުދަނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ދައުލަތުން އަދާކުރަންޖެހޭ ދަރަނިތައް އަދާކުރުމުގައި މި ސަރުކާރުން ގެންގުޅޭ އިޚްލާޞްތެރިކަން މިކަމުން ހާމަވާކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ދުނިޔޭގެ އިޤްތިޞާދީ ހާލަތު މިވަގުތު ހުރި ގޮތުން، މިފަދަ ބޮޑު އަދަދެއްގެ ފައިސާ ދެއްކުމަކީ "ރާއްޖޭގެ މާލީ ޤާބިލުކަމާއި، ސަރުކާރުގެ ޒިންމާދާރު ލީޑަޝިޕް" ރަމްޒުކޮށްދޭ ކަމެއް ކަމަށް ޤާސިމް ވިދާޅުވިއެވެ. މީގެ ސަބަބުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި އިންވެސްޓަރުންގެ މެދުގައި ރާއްޖެއަށް އޮތް އިތުބާރު ބޮޑުވެގެންދާނެ ކަމަށްވެސް ގާސިމްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

މިގޮތުން މި އަހަރުގެ ތެރޭގައި ދައްކަންޖެހޭ އިތުރު ލޯނުތައްވެސް ސަރުކާރުން ދައްކައި ޚަލާޞްކުރާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި މާޒީގައި ނަގާފައިވާ ބޮޑެތި ދަރަނިތަކުން ޤައުމު ސަލާމަތްކުރުމަކީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުން ފަދަ މުހިންމު ކަމެއްގެ ގޮތުގައި ގާސިމް ވަނީ ސިފަކުރައްވާފައެވެ.

މިފަދަ މުހިންމު ލަނޑުދަނޑިތައް ހާސިލުކުރުމުގައި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް ދެއްވަމުން ގެންދަވާ އެއްބާރުލުމާއި ތާއީދު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވެސް ޤާސިމް އިބްރާހީމް ވަނީ ދެއްވާފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން ޑޮލަރު (8 ބިލިއަން ރުފިޔާ) ސަރުކާރުން އިއްޔެ ދައްކާ ހަލާސްކުރީ މުއްދަތަށް ވުރެ ކުރިންނެވެ.

ކުރީ ސަރުކާރުން ސުކޫކު ނެގީ ރައީސް ޔާމީނުގެ ސަރުކާރުން ނެގި 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު ދެއްކުމަށްޓަކައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ ސުކޫކަކީ ދަރަނި އަދާކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތި، ބޮޑު އިންޓްރެސްޓެއްގައި ނެގި ދަރަންޏެއް ކަމަށެވެ.

އެ ދަރަނި އަދާކުރުމާ އެކު، ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި މިންވަރު ދަށްވެ، ކުރިއަށް އޮތް މެދުރާސްތާގައި ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.

އެ ދަރަނި ސަރުކާރުން އަދާކުރީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި ދައުލަތުގެ ރިޒާވް ބޭނުން ކޮށްގެންނެވެ.