ގއ.އަތޮޅު ތައުލީމީ މަރުކަޒުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސްކޫލުގެ ކިޔެވުން ނުހުއްޓޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސާނެކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. ޝަފީއު ވިދާޅުވީ މި އަލިފާނުގެ ހާދިސާގައި ސްކޫލުގެ ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި، ޕްރިންޓިން ރޫމް އަދި އެއް ކިލާސްރޫމް އަނދާފައިވާ ކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގި ސްކޫލްގެ އެ ބްލޮކް އެއްކޮށް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

ވަޒީރު ވިދާޅުވީ މި އަލިފާނުގެ ހާދިސާގައި ސްކޫލުގެ އެއް އިމާރާތް އަނދައިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ދެރައެއްކަމަށާއި ސްކޫލަށް ލިބުނީ ވަރަށްބޮޑު ގެއްލުމެއްކަމަށެވެ.

އަންނަ ހަފުތާގެ ކިޔެވުން ފެށެންވާއިރަށް ޕްރިންޓިންގް ރޫމުގެ މެޝިންތަކާއި، މުދައްރިސުންނަށް ބޭނުންވާ ކޮމްޕިއުޓަރާއި ފަރުނީޗަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއެކު، ކިޔެވުން ނުހުއްޓޭނެފަދަ ގޮތަކަށް ސްކޫލުގެ ކަންކަން އިންތިޒާމު ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އެ މަދަރުސާގައި އަލިފާނުގެ ހާދިސާ ހިނގީ އޭޕްރިލް 3 ވަނަ ދުވަހުގެ ދަންވަރު 12:30 ހާއިރުއެވެ. އަދި އަލިފާން ކޮންޓްރޯލް ކުރެވުނީ ދަނވަރު 02:00 ހާއިއެވެ.

މައުލޫމާތު ލިބޭގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ސްޓާފްރޫމުގައި ހުރި އޭސީއެއްގައި ރޯވެގެންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.