ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
އޭޕްރިލް 3 ވަނަ ދުވަހުގެ ދަންވަރު 12:30 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ސްޓާފްރޫމުގައި ހުރި އޭސީއެއްގައި ރޯވެގެންކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
ސްކޫލްގައި ރޯވި އަލިފާން 2:00 ޖަހަން އުޅެނިކޮށް ކޮންޓްރޯލްކޮށްފައިވާ އިރު، އަލިފާން ކޮންޓްރޯލްކުރީ ކަމާބެހޭ ފަރާތްތަކާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިހާދިސާގައި ސްކޫލްގެ އެއް ބްލޮކް އެއްކޮށް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.