އައު އުޅަނދުތަކާއެކު ދިމާވާ ގޮންޖެހުންތައް ހައްލުވެ ތަރައްގީގެ ދުވެލި ހަލުވިގެންދާނެކަަމަށް ރޯޑް ޑިވްލޮޕްމަންޓު ކޯޕަރޭޝަން، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް ވިދާޅުވެއްޖެއެވެ.
އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ބަރު އުޅަނދުތަކާއި މެޝިނަރީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަޒީމް ވިދާޅުވީ މިކަމުގެ ސަބަބުން ކުންފުނީގެ މަސައްކަތްތައް ހަލުވިވެ ރައްޔިތުންންނަށް ރައީސް ވެވަޑައިގެންފައިވާ ވައުދުގެ ދަށުން އާރްޑީސީއާއި ހަވާލުކޮށްފައިވާ މަސައްކަތައް ކުރުމަށް ފަސޭހަވެގެންދާނެކަމަށެވެ.
ނަޒީމް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ ބޮޑެތި ގޮންޖެހުންތަކާއެކުގައިކަމަށާއި މި ލިބިގެންދިޔަ މެޝިނަރީސްތަކާއެކު މަސައްކަތްކުރުމަށް ބޮޑުތަކުން ލުއިފަސޭހަވެގެންދާނެކަމަށެވެ. މިތަކެތީގެ ސަބަބުން މަސައްކަތުގެ ސްޕީޑް އަވަސްވެ މަޝްރޫއުތައް ނިންމުމަށް ދީފައިވާ ތާރީހުތަކަށް ވުރެއް އަވަހަށް ނިންމިގެންދާނެކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަޒީމް އިތުރަށް ވިދާޅުވީ މިތަކެތި ހޯދުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވަނީ އިންފްރާސްޓްރަކްޗަރު ޑިވެލޮޕްމަންޓް ސޮލިއުޝަން (އައި.ޑީ.އެސް) އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާ ދެމެދު ވެވުނު ފަހުމުނާމާގެ ދަށުންކަމަށެވެ.
އެގޮތުން ޗައިނާގެ މިފަދަ ތަކެތި އުފައްދާ އެންމެ ވަރުގަދަ ކުންފުނި އެކްސް.ސީ.އެމް.ޖީ ވެވުނު އެއްބަސްވުމުގެ ދަށުން ފަހިގެންގޮސްފައިވަނީ މެޝިނަރީތައް ލިބުމުން އެކަނި ނޫންކަމަށް ނަޒީމް ވިދާޅުވިއެވެ. މިވަގުތު އައި.ޑީ.އެސްއަކީ ރާއްޖޭގެ ޕާރޓްނާ ނުވަތަ ޑިސްޓްރިބިއުޓަރސިޕް ލިބިފައިވާ ކުންފުނިކަމަށެވެ.
މިކަމުގެ ސަބަބުން ރާއްޖޭގެ އެހެން ކުންފުނިކަތަކަށްވެސް މިފަދަ މެޝިނަރީ ލިބުމުގައި މިހާރު ބާޒާރުން ލިބޭ އަގުތަކައްވުރެއް މާ ލުއި އަގުތަކެއްގައި މިތަކެތި ފޯރުކޮށްދެވޭނެ ޔަގީންކަން ވަނީ ލިބިފައިކަމަށް ނަޒީމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގައި މަސައްކަތް ކުރާ އެހެން ކުންފުނިތަކަށްވެސް ވަރަށް ބޮޑުތަނުން ފަސޭހަވެގެންދާނެކަމަށް ނަޒީމް ވިދާޅުވިއެވެ.
ނަޒީމް ވިދާޅުވީ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ތަރައްގީގެ މަސައްކަތްތައް ހަލުވިކުރުމަށް ގެންގުޅުއްވި ދުރުވިސްނުންފުޅުގެ ދަށުން ކުރެވިގެންދިޔަ މުހިންމު މަސައްކަތެއްކަމަށެވެ.