މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ފުޅާކުރާނީ އެޚިދުމަތްދޭ އަމިއްލަ ފަރާތްތަކާވެސް ގުޅިގެންކަމަށާއި، ކުރިއަށްއޮތް ތަނުގައި ޓެކްސީގެ ޚިދުމަތް އިތުރަށް ފުޅާކުރެވި ކެޕޭސިޓީ އިތުރުކުރާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުއްޖެއެވެ.

ވަޒީރު މިހެންވިދާޅުވީ ސަރުކާރުން ފަށައި ޓެކްސީ ލައިންގެ ޚިދުމަތް ފެށުމައް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މާލެ ޓެކްސީ ލައިންގެ ޚިދުމަތަކީ މާލެ ސިޓީގެ ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލެއް އަންނާނެ ތާރީޚީ ކަމެއްކަމަށެވެ. ބްރިޖުގެ ޒަރީޢާއިން މާލެ، މާލޭ އެއަރޕޯޓް އަދި ހުޅުމާލެ ގުޅާލެވިފައިވާއިރު، އެއްގަމު އުޅަނދެއްގެ އެހީތެރިކަމާ ނުލައި އެއް ތަނުން އަނެއް ތަނަށް ދަތުރުކޮށް އުޅުމަކީ ކުރެވޭވަރުގެ ކަމެއްނޫންކަމަށެވެ. ވަޒީރު ވިދާޅުވީ މި ޞަރަޙައްދުގައި ދިރިއުޅޭ އާބާދީ ބޮޑުތަނުން އިތުރުވެ އެއްގަމު ދަތުރުފަތުރަށް އޮތް ޑިމާންޑް ވަނީ އިންތިހާއަށް ބޮޑުވެފައިކަމަށެވެ.

ރައީސް ޑރ މުޢިއްޒު، ތިމާވެށި ރައްކާތެރިކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މިއަދު އެމް.ޓީ.ސީ.ސީ އިން މި ތަޢާރަފުކުރަނީ ތިމާވެއްޓާ ރައްޓެހި ސައްތައިންސައްތަ އީ.ވީ ނުވަތަ އިލެކްޓްރިކް ވެހިކަލްގެ ޒަމާނީ 3 ސައިޒެއްގެ ޓެކްސީ ފްލީޓެއް. މިއީ ދިވެހިރާއްޖެއިން ކަރބަން ފުޓްޕްރިންޓް ދަށްކުރުމަށް ކޮޕް 29 ގައި ރައީސް އިޢުލާން ކުރައްވާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން

ވަޒީރު އަމީން ވިދާޅުވީ ޓެކްސީ ޑްރައިވަރުންނާއި އަދި ޓެކްސީގެ ޚިދުމަތް ފޯރުކޮށްދެއްވާ ފަރާތްތަކާއި އަދި ޓެކްސީ ސެންޓަރ ތަކަކީ ވަރަށް މުހިންމު ޚިދުމަތެއް ފޯރުކޮށްދޭ ފަރާތްތަކެއްކަމަށެވެ. މިސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލުއި ފަސޭހަ ކުރެވެންހުރި ކަންކަމަކީ ކޮބައޮތޯ ބަލައި، ޙައްލުކުރެވެން ހުރިކަންކަން ޙައްލުކޮށް ދެމުންކަމަށް ވިދާޅުވިއެވެ.

މީގެކުރިން ޓެކްސީ ޑްރައިވަރުންނަށް ރަޖިސްޓްރީ ވެފައިވާ ސެންޓަރު ނޫން އެހެން ސެންޓަރެއްގައި މަސައްކަތް ކުރުމަކީ ޤާވާއިދު ހުއްދަކުރާ ކަމެއްނޫންކަމެއްކަމަށާއި ނަމަވެސް މި ސަރުކާރުން ގަވާއިދަށް ބަދަލުގެނެސް، އެބޭފުޅުންނަށް އެއް ސެންޓަރަށްވުރެ ގިނަ ސެންޓަރުގައި މަސައްކަތް ކުރެވޭނެ ގޮތް ވާނީ ހަމަޖައްސާދެއްވާފައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ، ކުރިން ޓެކްސީ ސެންޓަރެއް ރަޖިސްޓަރީކޮށް އޮޕަރޭޓް ކުރެވެނީ 100 ޓެކްސީ އޮވެގެން ކަމުގައިވީ ނަމަވެސް މިހާރު މި ޢަދަދު ވަނީ 50 އަށް ދަށްކޮށް ލުއިގޮތް ހަމަޖައްސާދެވިފައިކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.