ރާއްޖޭގެ އުމްރާނީ ތަރައްގީގެ ދުވެލި ހަލުވިކޮށް އެއްފަހަރާ ގިނަ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް، ބޭނުންވާ ގިނަ އަދަދެއްގެ މެޝިނަރީ ރާއްޖެ ގެނެސްފިއެވެ.

ގިނަ އަދަދެއްގެ މެޝިނަރީ ގެންނަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއިން، ޗައިނާގެ އެކްސް.ސީ.އެމް.ޖީ އަދި އިންފްރާސްޓްރަކްޗަރު ޑިވެލޮޕްމަންޓް ސޮލިއުޝަން (އައިޑީއެސް) އާއި ދެމެދު އެއްބަސްވުމެއް އެކުލަވާލައިގެންނެވެ. މި އެއްބަސްވުން އެކުލަވާލީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މި ތަކެތި ރާއްޖޭގެ ސަރުކާރާ ހަވާލުކުރުމަށާއި އެތަކެތި އިފްތިތާހް ކުރުމަށް ތިލަފުށީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ވަނީ އެއްފަހަރާ ގިނަ މަޝްރޫއުތައް ފަށަން ބޭނުންވާ 230 މެޝިނަރީ ނެސްފައެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ތަރައްގީގެ ދުވެލި ހަލުވިވެ، ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް އާރްޑީސީން ބުނެއެވެ. މި މެޝިނަރީތައް ރާއްޖެ ގެނައުމުގެ އިތުރުން މި މެޝިނަރީތަކަށް ބޭނުންވާ މަރާމާތުގެ ހިދުމަތްދޭ މަރުކަޒާކާއި، ސްޕެއާ ޕާޓްސް ވިއްކާ މަރުކަޒެއް ޗައިނާގެ އެ ދެ ކުންފުނި ގުޅިގެން ރާއްޖޭގައި ގާއިމުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މިއަހަރަށް އިއްވެވި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވަނީ އެއްފަހަރާ ގިނަ ރަށްތަކެއްގެ މަސައްކަތް ހަރަދު ކުޑަކޮށް އަމިއްލަ ކެޕޭސިޓީގައި ކުރެވޭ ވަރަށް، ގިނަ ވަސީލަތްތައްތަކެއް މިއަހަރު އޭޕްރިލް މަސް ނިމުމުގެ ކުރިން ރާއްޖެ ގެންނާނެކަމަށް ވިދާޅުވެފައެވެ. އަދި މަގު ހެދުމުގެ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމުގެ މަސައްކަތްތައް ހަލުއި ކުރުމަށާއި އެކި މެޝިނަރީ އާއި އިކުއިޕްމަންޓް ކުއްޔަށް ނަގަންޖެހި މަޝްރޫއުތަކުގެ ހަރަދު ބޮޑުވާ މައްސަލަ ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވެފައި ވަނީ މިހާރު ގެނެސްފައިވާ މެޝިނަރީގެ އެއް ސެޓަޕް ގުޅީފަޅަށް މޮބިލައިޒްކޮށް، ސަރުކާރުގެ ކަމާބެހޭ އެންމެހާ މިނިސްޓްރީތަކާއި ކުންފުނިތައް ގުޅިގެން، ގުޅިފަޅުގެ ފެނާ ނަރުދަމާ އާއި ކަރަންޓު އަދި މަގު ހެދުމުގެ މަސައްކަތް މިއަހަރުގެ މެއި މަހުގެ ތެރޭގައި ފަށާނެކަމަށެވެ.

ހަމަ އެފަދައިން، ގިރާވަރުފަޅުގެ ބިން ހިއްކާ ނިމުމުން، އިތުރު ސެޓަޕެއް ގިރާވަރުފަޅަށް ގެންގޮސް، ގިރާވަރުފަޅުގެ ފެނާ ނަރުދަމާ އާ ކަރަންޓު އަދި މަގު ހެދުމުގެ މަސައްކަތް މިއަހަރުގެ މެދު ތެރޭގައި ފެށުމަށްވެސް ވަނީ ނިންމާފައެވެ. މިއާއެކު ގުޅިފަޅުގެ ޔުޓިލިޓީ ބައެއް މަސައްކަތްތައް އެމްޓީސީސީއާއި އާރްޑީސީއާއި ހަވާލުކުރުމަށްވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މާލެ އަދި ވިލިމާލޭގެ މަގުތައް އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ ޑިޒައިން މަސައްކަތްތައް މި އަހަރު ކުރީކޮޅު ފެށުމަށް ހަމަޖައްސާފައިވާއިރު، އަމަލީ މަސައްކަތް މި އަހަރުގެ ފަހު ކޮޅު ފެށުމަށްވެސް ދަނީ މަސައްކަތްކުރަމުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް އަންނަނީ ހިންގަމުންނެވެ. އެގޮތުން ޔުޓިލިޓީ ވިއުގަތައް ގާއިމުކުރުމުގައި ލަފާ، ފުރުމުގެ މައްސަލަތައް ހައްލުކުރުމުގެ މަޝްރޫއުތަކާއި މަގު ހެދުމާއި ބިންހިއްކުމާއި އަދިވެސް މުހިންމު ދާއިރާތަކުން ހިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އިމާރާތްތައް ތަރައްގީކުރުމުގެ މަސައްކަތް ހިމެނެއެވެ.