ކުރީ ސަރުކާރުން ނެގި ސުކޫކަށް ދައްކަންޖެހޭ ޖުމުލަ އަދަދު އިތުރު ދަރަންޏެއް ނުނަގައި މި ސަރުކާރުން ދެއްކުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާހަގަކުރައްވައިފި އެވެ.

ރައީސް ނަޝީދު މިކަން ފާހަގަކުރައްވާފައި ވަނީ އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން ޑޮލަރު (8 ބިލިއަން ރުފިޔާ) ސަރުކާރުން އިއްޔެ ދައްކާ ހަލާސްކުރީ މުއްދަތަށް ވުރެ ކުރިންނެވެ.

ކުރީ ސަރުކާރުން ސުކޫކު ނެގީ ރައީސް ޔާމީނުގެ ސަރުކާރުން ނެގި 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު ދެއްކުމަށްޓަކައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ ސުކޫކަކީ ދަރަނި އަދާކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތި، ބޮޑު އިންޓްރެސްޓެއްގައި ނެގި ދަރަންޏެއް ކަމަށެވެ.

އެ ދަރަނި އަދާކުރުމާ އެކު، ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި މިންވަރު ދަށްވެ، ކުރިއަށް އޮތް މެދުރާސްތާގައި ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.

އެ ދަރަނި ސަރުކާރުން އަދާކުރީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި ދައުލަތުގެ ރިޒާވް ބޭނުން ކޮށްގެންނެވެ.

އެ ދަރަނި އަދާކުރުމާ އެކު، ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި މިންވަރު ދަށްވެ، ކުރިއަށް އޮތް މެދުރާސްތާގައި ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަވާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އެގޮތުން މިކަމަށް އިޝާރާތްކުރައްވާ ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އައު ދަރަންޏެއް ނުނަގައި، ދައުލަތުން ދައްކަންޖެހޭ ބޮޑު ދަރަންޏެއް މި ގޮތަށް ދެއްކުމަކީ އިޤްތިޞާދީ ގޮތުން ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މިއީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައިވެސް އެ މަނިކުފާނު ސިފަކުރެއްވިއެވެ.