4 ރަށެއްގެ ޢުމްރާނީ ތަރައްޤީގެ 4 މަޝްރޫޢެއްގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކު ސޮއިކޮށްފިއެވެ.

މަޝްރޫޢުތައް:

  • ކ. ގާފަރު ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު

  • މ. މަޑުއްވަރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު
  • ބ. ގޮއިދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު
  • ހއ. ފިއްލަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު

މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދުއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުއެވެ. މި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ނާޡިމް ބައިވެރިވެވަޑައިގެންނެވިއެވެ.

ބ. ގޮައިދޫގައި އެރަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމަށް އެ ކުންފުންޏާއި ވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތް ނިންމަން އެ ކުންފުންޏަށް ދީފައި ވަނީ 450 ދުވަހެވެ.

ގޮއިދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ ތެރެއިން، ބަނދަރު ފުންކުރުމާއި، 250 މީޓަރު އެލްބްލޮކް އެއްގަމު ތޮށި ޖެހުމާއި، 351 މީޓަރު ބޮޑުހިލައިގެ ބޭރު ތޮށި ޖެހުމުގެ އިތުރުން، 116 މީޓަރު ބޮޑުހިލައިގެ ރިވެޓްމެންޓު ޖެހުމާއި، ގްރޮއިން ޖެހުމުގެ އިތުރުން، ޕޭމަންޓު ހެދުމާއި، މަގު ބައްތިއާއި ނެރު ބައްތި ހަރުކުރުން ހިމެނެއެވެ.

ހއ. ފިއްލަދޫގައި އެރަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ އިރު މި މަސައްކަތް ނިންމަން އެ ކުންފުންޏަށް ދީފައި ވަނީ 450 ދުވަހެވެ.

ފިއްލަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ ތެރެއިން، 3.9 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމާއި، ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 458 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވެއެވެ. އަދި 15 މަގު ބައްތި ހަރުކުރުމާއި، 814 އަކަ މީޓަރުގެ ޕޭވްމަންޓް އެޅުމުގެ އިތުރުން، 45 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ގްރޮއިން ޖެހުމަށް ހަމަޖެހިފައިވެއެވެ.

ކ. ގާފަރުގައި ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމަން އެމްޓީސީސީން ދީފައި ވަނީ 420 ދުވަހެވެ.

ގާފަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ތެރެއިން، 25 ހެކްޓަރުގެ ބިން ހިއްކައި، 956 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން، 315 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ގްރޮއިން ޖެހުމަށް ހަމަޖެހިފައިވެއެވެ.

މ. މަޑުއްވަރީގެ ބަނދަރު ތަރައްގީ ކުރަންވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު މި މަސައްކަތް ނިންމަން އެ ކުންފުންޏަށް ދީފައި ވަނީ 390 ދުވަހެވެ.

މަޑުއްވަރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން، 329 މީތަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 158 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ އިތުރުން، 4.1 ހެކްޓަރުގެ ބިން ހިއްކާ، 1560 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމަށް ހަމަޖެހިފައިވެއެވެ.