މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި ތަރައްގީކުރި ސްކޭޓް އެރީނާ މިއަދު ރަސްމީކޮށް ހުޅުއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދުގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި، ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އަދި ސްކޭޓިން ކޮމިއުނިޓީގެ އެކި އުމުރުފުރާގެ އެތުލީޓުންނާއި މެމްބަރުބް ބައިވެރިވެވަޑައިގަތެވެ.
މި ސްކޭޓް ޕާކަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރް) ގެ ދަށުން އެ ކުންފުނީގެ ހަރަދުގައި ސަރުކާރުގެ އެދުމުގެ މަތިން ހަދައި ދިން އެރީނާއެކެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މި އެރީނާގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވައި ބިންގާ އަޅުއްވައި ދެއްވީ ރައީސް މުއިއްޒާއި މިނިސްޓަރު ރާފިއުގެ އިތުރުން އާރުސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަހީމް އެވެ.
މި ސްކޭޓް އެރީނާ ފަރުމާކޮށްފައިވަނީ އިންލައިން ސްކޭޓް ކުރާ ފަރާތްތަކަށް ވަކިން ޚާއްސަ 100 މީޓަރުގެ ލޭނަކާއި، ސްކޭޓް ބޯޑް ދުއްވުމަށް ވަކިން ސަރަހައްދެއް ކަނޑައެޅިފަވާގޮތަށެވެ. މި ފެސިލިޓީގެ މިހާރު ހުޅުވާފައިވާއިރު، މި ދެ ކުޅިވަރަށްވެސް ޚާއްސަ ވެފައިވާ ކުދިންނަށް ގިނަ ގޮތްގޮތުން ކުރިއެރުން ލިބޭނެއެވެ.
ސްކޭޓް ކުރުމަކީ ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކުޅިވަރަކަށްވާއިރު، ރާއްޖޭގެ ޒުވާން ސްކޭޓަރުން އަންނަނީ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކޮށް، ރާއްޖެއަށް ރަންވަނަތަކެއް ގެނެސްދެމުންނެވެ.އެހެންކަމުން މި ސްކޭޓް އެރީނާ ވާނީ ދިވެހި ސްކޭޓަރުންގެ ފޮނި އުންމީދުތަކާއި ގުޅިފައިވާ ދުވަސްވީ ހުވަފެނެއްގައި ޖެހޭ އުފާވެރި ކުލައަކަށެވެ.