2021 ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ދިވެހި ސަރުކާރުން ދައްކައި ޚަލާސްކޮށްފިއެވެ.
މި ފައިސާ ދެއްކުމުގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ ބޭނުންކޮށްފައިވާ ކަމަށް މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ އިން ވަނީ ބުނެފައެވެ. މިގޮތުން، ސުކޫކަށް ދައްކަންޖެހޭ އަދަދު ކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރާއި، އޭގެ ފައިދާގެ ރޭޓަށްވާ 24.68 މިލިއަން އެމެރިކާ ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ވަނީ ދައްކައި ޚަލާސްކޮށްފައެވެ. މީގެ ސަބަބުން ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނީގެ މިންވަރު ކުޑަވެގެންދާނެއެވެ.
2021 ވަނަ އަހަރު އޭރުގެ ސަރުކާރުން މި ސުކޫކު ވިއްކާފައިވަނީ އޭގެ ކުރީގެ ސަރުކާރުން ނަގާފައި 250 މިލިއަން އެމެރިކާ ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު އަދާކުރުމަށެވެ. ދުނިޔެއާއި ރާއްޖޭގެ އިގުތިސާދަށް ހީނަރުކަން ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގައި، އޭރުގެ މާލީ ބާޒާރުގެ އަގުތަކާއި އަޅާބަލާއިރު ބޮޑުއަގެއްގައި މި ސުކޫކު ވިއްކާފައިވަނީ، އަނބުރާ ދެއްކުމުގެ ހަރުދަނާ ސިޔާސަތެއް ނެތިއެވެ. ނަމަވެސް 2023 ވަނަ އަހަރު މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ރާއްޖޭގެ އިގުތިސާދަށާއި މާލިއްޔާއަށް ބުރަބޮޑު ނުވާނެގޮތަށް ސުކޫކު އަނބުރާ ދެއްކުމުގެ މުހިއްމު ފިޔަވަޅުތަކެއް ތަންފީޒުކުރަން ވަނީ ފަށާފައެވެ.
ސަރުކާރުން އަޅާފައިވާ ހަރުދަނާ ސިޔާސަތުތަކާއެކު، އެސް.ޑީ.އެފްގެ ބޭރު ފައިސާގެ ބެލެންސް ވަނީ ފުރަތަމަ ފަހަރަށް 350 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވެފައެވެ. އަދި ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ މިއަހަރުގެ މާރިޗު މަސް ނިމުނުއިރު ރެކޯޑް މިންވަރަކަށް މައްޗަށްގޮސް، 1.3 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވެފައެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ދައުލަތުގެ ރަސްމީ ރިޒާވް މި މިންވަރަށް އިތުރުވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާފައެވެ.
މާލީކަންކަމާއި ބެހޭ ވުޒާރާ އިން ބުނެފައިވަނީ، ސުކޫކު އަނބުރާ ދެއްކުމަށްފަހު، ދިވެހި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް މިވަގުތު ދެނީ ރާއްޖެއަށް ބޭނުންވާ ތެލާއި އެހެނިހެން އަސާސީ ޚިދުމަތްތަކާއި ތަކެތި މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި، އިގުތިސާދީ ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް މަގުފަހި ކޮށްދިނުކަމަށެވެ. އެގޮތުން ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު މިހާތަނަށް ކުރެވިފައިވާ މަސައްކަތުގެ ތެރެއިން، މިކަމަށް ބޭނުންވާ މާލީ އެހީތެރިކަން ހަމަޖެހެމުން ދާކަމަށެވެ. އަދި މި މަހުގެ ނިޔަލަށް އަދާކުރަންޖެހޭ 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑު ރޯލްއޯވަރކުރުމަށް އަބޫދާބީ ފަންޑާއެކު ކުރެވިފައިވާ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލައިފައިވާކަން ވެސް އުވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެއާއެކު، ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކާއެކު، ރާއްޖޭގެ މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ފިސްކަލް އަދި އިގުތިސާދީ ހަމަޖެހުން ދެމެހެއްޓުމަށް ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީކަންދެއްވާފައެވެ. މީގެ އިތުރުން މެދުރާސްތާގައި ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށަށްދާނެ މިސްރާބަކަށް ރާއްޖޭގެ މާލިއްޔާ ގެންދިއުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒެއް ކަމުގައި ފާހަގަކުރައްވާފައެވެ.