މިދިޔަ މާރިޗު މަހު 22 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާއި ހަމައަށް މާލެއާއި ސިނަމާލެ ބުރިޖު އަދި ހައިވޭގައި ޖުމްލަ 56 އެކްސިޑެންޓް ހިނގާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.

ފުލުހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި މުއްދަތުގައި އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވަނީ މާލޭގައެވެ.

އެގޮތުން މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާއި ހަމައަށް މާލޭ ސަރަޙައްދުގައި ހިނގި 56 އެކްސިޑެންޓުގެ ތެރެއިން، 49 އެކްސިޑެންޓަކީ މާލެތެރެއިން ރިޕޯޓުކޮށްފައިވާ މައްސަލަތައް ކަމަށް ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.

މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ އެކްސިޑެންޓުތައް ހިނގައިފައިވަނީ މާރިޗު 25 ވަނަ ދުވަހު ކަމަށް ވީއިރު، އެދުވަހު އެކަނި 13 އެކްސިޑެންޓް ވެފައިވެއެވެ.

މީގެތެރެއިން 14 އެކްސިޑެންޓެއް ހިނގައިފައިވަނީ ދެ ސައިކަލެއް ޖެހިގެންނެވެ. އަދި ސައިކަލަކާއި ކާރު ޖެހިގެން 14 އެކްސިޑެންޓެއް ހިނގާފައިވެއެވެ. އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ 7 މައްސަލައެއް ވަނީ ރިޕޯޓު ކޮށްފައެވެ.

ތަފާސް ހިސާބުން ދައްކާ ގޮތުގައި ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ދުވާލުގެ ވަގުތުގައެވެ.

މާލެ ސަރަހައްދުގައި 2000 އަށްވުރެ ގިނަ އެކްސިޑެންޓު މިދިޔަ އަހަރު ހިނގާފަވެއެވެ. މީގެތެރެއިން 300 އަށްވުރެ އެކްސިޑެންޓު ހިނގީ ބްރިޖާއި ހައިވޭގައެވެ.

މަގުމަތީގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެންމެން އެކުގައި މަސައްކަތްކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި އުޅަނދު ދުއްވުމުގައި މަގުމަތީގެ ގަވައިދުތަކަށް ސަމާލުވުމާއި އުޅަނދުތައް ދުއްވާ މީހުންނެކޭ އެއްގޮތަށް ހިނގާ މީހުންވެސް އެކަންކަން ސަމާލުވުމަށް ފުލުުހުން އިލްތިމާސްކޮށްފައިވެއެވެ.