ޕާކިން ސްލޮޓްތައް ދޫކުރާނީ އުސޫލާ އެއްގޮތަށް ކަމަށް ހައުސިންގި ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ އިން ބުނެފިއެވެ.

އުސޫލާއި ހިލާފަށް ހުޅުމާލޭއިން ޕާކިން ސްލޮޓުތައް ދޫކުރާކަމަށް ބުނެ މީޑިއާގައި ދައުރުވާ ހަބަރުތަކާ ގުޅިގެން އެޗްޑީސީ އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ ޕާކިން ސްލޮޓުތައް ދޫކުރާނީ ފޯމު ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވެފައިވާ ބައިވެރިންނަށްކަމަށެވެ.

އެޗްޑީސީން ބުނީ އެ ޕާކިން ސްލޮޓުތައް ދޫކުރުމުގައި ފުރަތަމަ އިސްކަންދޭނީ، ހުޅުމާލެއަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށެވެ. އެއަށްފަހު، ހުޅުމާލެ ފިޔަވައި މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށް ޕާކިން ޖާގަ ދޫކުރެވޭނެއެވެ.

ޕާކިން ޖާގަ ދޫކުރުމުގައި އިސްކަންދޭނެ ތަރުތީބު ތަކަށް ބަލާލައިރު، ޕާކިން އެޕްލިކޭޝަން ހުށަހަޅާފައިވާ ޒޯންގައި ދިރިއުޅޭ ހުޅުމާލޭގެ ރައްޔިތުން، ޕާކިން އެޕްލިކޭޝަން ހުށަހަޅާފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ދިރިއުޅޭ ހުޅުމާލޭ ރައްޔިތުން، ހުޅުމާލެ ނުހިމަނާ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ހިމެނެއެވެ.

މި ޕާކިން ޒޯނުތަކުން ޕާކުކުރާނެ ޖާގަ ކުއްޔަށް ހިފާނެ ފަރާތްތައް ކަނޑައަޅާނީ، އެ ޒޯނަކުން ޕާކިން ޖާގައަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދާ ގުރުއަތަކުންނެވެ.

ހުޅުމާލޭގައި ގާއިމުކޮށްފައިވާ 8 ޕޮކެޓް ޕާކިން ޒޯނަކުން 1،374 ޕާކިން ޖާގަ ކުއްޔަށް ދޫކުރާނެކަން ފާހަގަކޮށް އެޗްޑީސީން ބުނީ މި ޕާކިން ޖާގަތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހަށް ކަމަށާއި ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ މަހަކު 2،000 ރުފިޔާ ކަމަށެވެ.

ހުޅުމާލެ ދިމާވެފައިވާ ޕާކިންގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް އެޗްޑީސީން ކުރިޔަށް ގެންދިޔަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިން ޕޮކޭޓުތަކެއް 2024 ވަނަ އަހަރު ވަނީ ތައާރަފްކޮށްފައިއެވެ. އަދި މި ޕާކިން ޕޮކެޓުތައް ދޫކުރުމަށްޓަކައި އެ އަހަރުގެ ތެރޭގައި ވަނީ އާންމުކޮށް ހުޅުވާލާފައިއެވެ.

ޕާކިން ޕޮކެޓުތައް އާންމުންނަށް ހުޅުވާލާފައިވާއިރު، އެޗްޑީސީއިން ވަކި ބަޔަަކަށް ނާޖާއިޒް މަންފާ ލިބޭގޮތަށް ވިއްކާކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެކަމާ ގުޅިގެން އެ ކޯޕަރޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން ހަގީގަތާ ހިލާފު މައުލޫމާތު ޝާއިއުނުކުރުމަށްވެސް ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައިއެވެ.