އެފްޑީސީ ފްލެޓުތަކުގެ ކުލި ކުޑަކުރުމުގެ މަޝްވަރާއެއް ހިނގާކަން އެނގިވަޑައިގެންފައި ނެތް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެ އެވެ.
ހަމްދާން އެހެން ވިދާޅުވީ ފަހި ފްލެޓުތަކުގެ ކުލި ކުޑަކޮށްދޭން އެދި ފަހި ޔޫނިއަނުން ގޮވާލައި އަދި ރޭގައި އިހުތިޖާޖު ކޮށްފައި ވަނިކޮށެވެ. މި ސަރުކާރުން އެ 4،000 ފްލެޓުގައި ހިމެނޭ ދެ ކޮޓަރީގެ ތަންތަނުގެ ކުއްޔަށް ކަނޑައެޅީ 7،000ރ އެވެ. އަދި ތިން ކޮޓަރީގެ ކުއްޔަށް ދައްކަންޖެހެނީ 10،000ރ އެވެ.
އެކަމަކު އެތަނުގެ ކުލި ބޮޑުކަމަށް ބުނެ ފަހި ޔޫނިއަނުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ފަހި ފްލެޓުތަކުގެ ދެ ކޮޓަރީގެ ކުއްޔަކީ މެއިންޓަނެންސް ފީއާ އެކު މަހަކު 6،000ރ އަދި ތިން ކޮޓަރި ނަމަ މެއިންޓަނެންސްއާ އެކު 8،000ރ ކަމަށް އޭރު ކަނޑައަޅާފައިވާ ކަމަށެވެ.
ކުއްޔަށް ބަދަލެއް ގެންނަ ނަމަ، އެކަން ކުރާނީ ފިނޭންސް މިނިސްޓްރީގެ އެގްޒެކްޓިވް ލެވެލްގައި މަޝްވަރާ ކޮށްފައި ކަމަށާއި އަދި އެފަދަ މަޝްވަރާއެއް މިވަގުތު ކުރިއަށްދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނެތް ކަމަށް ހަމްދާން ވިދާޅުވިއެވެ.
ހިޔާ ފްލެޓުތަކުގެ ކުއްޔަށް ވެސް ބޮޑު ލުޔެއް ދީފައިވާތީ މި ފްލެޓުތަކަށް ވެސް ލުއި ދޭންޖެހޭ ކަމަށް ދެއްކެވޭ ވާހަކަތަކަށް ވެސް ހަމްދާން ވަނީ ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ފިނިޝިން މަސައްކަތްތައް ނުނިންމާ ހިޔާ ފްލެޓު ހަވާލުކުރި ނަމަވެސް ފަހި ފްލެޓުތައް ހަވާލުކޮށްފައި ވަނީ އެތަނުގެ ތަޅުދަނޑި ހަވާލުކުރުމާ އެކު އެތަނުގައި ދިރިއުޅެވޭނެ ގޮތަށް ކަމަށް ހަމްދާން ވިދާޅުވެ އެވެ.
ހަމްދާން ވިދާޅުވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހުޅުމާލޭގައި އެންމެ ފުރަތަމަ ފްލެޓުތައް ހަވާލުކުރިއިރު އެތަނުގައި އޮތީ ތަށިމުށި ވެސް ނުޖަހާ ކަމަށެވެ. އެތަން ހަވާލުކުރީ ތަޅުން އަޅައިފައި ކަމަށާއި އެކަމަކު ފަހި ފްލެޓުތައް ދިނީ ދޮރާއި ފަންކާ އާއި ލައިޓާއި ޓައިލްސް ޖަހައި ކުލަ ވެސް ލާފައި ކަމަށް ވިދާޅުވެ ހަމްދާން ވަނީ މިތަންތަން އަޅާނުކިޔޭނެ ކަމަށް ވިދާޅުވެފަ އެވެ.