ޅ.ނައިފަރު ބިން ހިއްކުމުގެ މަސައްކަތުގެ 54 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

މިމަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެން ކަމަށްވީއުރ، މި މަޝްރޫއުގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ރަށަށް 44.8 ހެކްޓަރުގެ ބިން އިތުރު ކުރުމަށެވެ.

ބިން ހިއްކުމަށް ވެލި އެޅުމުގެ 54 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަސައްކަތުގެ ދަށުން ހިއްކި ބިން ހިމާޔަތް ކުރުމަށް 1،813 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށި އަދި 474 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖަހާނެއެވެ. 679 މިލިއަން ރުފިޔާގެ މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 1 އަހަރާއި 9 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެ ރަށަކީ ސަރުކާރުން އާބަން ސެންޓަރެއްގެ ގޮތުގައިވެސް ތަރައްގީކުރަމުން އަންނަ ރަށެވެ.

ނައިފަރަކީ 5000 އަށްވުރެ ބޮޑު އާބާދީގެ ރަށަކަށް ވީއިރު، އެރަށުގެ ބިން ހިއްކަނީ އިތުރުވަމުންދާ އާބާދީއަށް ބޯހިޔާވަހިކަން ހޯދައިދިނުމާއި ރަށުގައި އިގްތިސާދީ އަދި އިޖުތިމާއީ ފުރުސަތުތައް އިތުރުކޮށްދިނުމަށެވެ.

ސަރުކާރުން 44.8 ހެކްޓަރުގެ ބިން ހިއްކުމަށް ހަވާލުކުރިއިރުވެސް އެރަށުގައި 21 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްދިޔައީ ކުރަމުންނެވެ. އެހެންނަމަވެސް ސަރުކާރުގެ އާބަން ސެންޓަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެރަށް އިތުރަށް ތަރައްގީކޮށް އެއީ ސަރަހައްދީ ފެންވަރުގައި ތަރައްގީކޮށްފައިވާތަނަކަށް ހެދުމަށްޓަކައި އިތުރަށް ބިން ހިއްކުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

ނައިފަރުގެ ޖާގައިގެ ދަތިކަން ކުރިމަތިވެ 2004 ވަނަ އަހަރުވެސް އެރަށުން 16 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. އެސަރަހައްދުގައި ބޯހިޔާވަހިކަމަށްޓަކައި ހައުސިންގ ޔުނިޓުތައް ތަރައްގީކޮށްފައިވެއެވެ. އާބާދީގައި 5800 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ނައިފަރުގެ މިހާރުގެ ބޮޑުމިނަކީ 55 ހެކްޓަރެވެ.