ހިދުމަތްތަކަށް ގެނައި ކުރިއެރުމާއެކު، ރ. މީދޫ ހެލްތު ސެންޓަރުގެ ހިދުމަތް ލެވަލް 3އިން 4އަށް ބަދަލުކޮށްފިއެވެ.

މިކަން ފާހަގަކުރުމަށް ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުއެވެ. މި ހަފްލާގައި މީދޫ ސިއްހީ މަރުކަޒުގެ އިސްވެރިންނާ މުވައްޒަރުން ބައިވެރިވެފައިވެއެވެ.

ސިއްހީ މަރުކަޒުގެ ހިދުމަތަށް އައި ކުރިއެރުމާއެކުވެސް، އެ މަރުކަޒު މިހާތަނަށްވެސް ރޭންކް ކޮށްފައިވަނީ ލެވަލް 3ގެ ސިއްހީ މަރުކަޒެއްގެ ގޮތުގައި ނަމަވެސް މިހާރު އެއީ އެ ލެވަލަށްވުރެ މަތިން ހިދުމަތް ދެމުންދާ މަރުކަޒެކެވެ. އަދި ސަރުކާރުން މިހާރު އެރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް، އެކަމުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، އެއީ 30 އެނދުގެ ހޮސްޕިޓަލެކެވެ.

މީދޫ ސިއްހީ މަރުކަޒަކީ 24 ގަޑިއިރު ހިދުމަތްދޭ ސިއްހީ މަރުކަޒެކެވެ. އަދި ސްޕެޝަލިޓީގެ ހިދުމަތްތައްވެސް މިހާރު އެ މަރުކަޒުކަޒުގައި ވަނީ ފަށާފައެވެ.

މީގެ އިތުރުން މީދޫ ސިއްހީ މަރުކަޒުގައި، މިދިޔަ އަހަރު ވަނީ ހާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ ހިދުމަތް ފަށާފައެވެ. އެގޮތުން އެތެރެހަށީގެ ޑޮކްޓަރުގެ ހިދުމަތާއި ކުޑަކުދިންގެ ބަލިތައް އަދި އަންހެނުންގެ ހާއްސަ ބަލިތަކުގެ ޑޮކްޓަރެއްގެ ހިދުމަތްވެސް ވަނީ ފަށާފައެވެ. 2 މެޑިކަލް އޮފިސަރުންނާއެކު، ޖުމުލަ 5 ޑޮކްޓަރުން މިހާރު އެ ސިއްހީ މަރުކަޒުގައި ހިދުމަތްދޭން ފަށާފަފިވާއިރު ޖުމްލަ 48 މުވައްޒަފުން އެ ސިއްހީ މަރުކަޒުގައި މަސައްކަތްކުރެއެވެ.

މީދޫއަކީ ވަށައިގެން ގިނަ ރިސޯޓްތައް އޮންނަ އަދި 2000 އަށްވުރެ ބޮޑު އާބާދީއެއް ވެސް އޮންނަ ރަށެކެވެ. މީދޫގެ ސިއްހީ ހިދުމަތްތައް ފުޅާވުމާއެކު ކައިރި އެހެން ރަށްރަށުގެ ރައްޔިތުންވެސް ހާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ ހިދުމަތް ހޯދުމަށް އެ ރަށަށް ދަތުރުކުރެއެވެ.

މިހާރު ތަރައްޤީކުރަން ފަށާފައިވާ ހޮސްޕިޓަލާއެކީ ހިދުމަތްތައް އިތުރަށް ފުޅާވެ ފެންވަރު ރަނގަޅުވެގެންދާނެއެވެ. މީދޫގައި ހެލްތް ސެންޓަރެއް ހުޅުވާ ހިދުމަތް ފެށީ 2014 ވަނަ އަހަރުއެވެ. އަދި ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރީ 2024 ވަނަ އަހަރުއެވެ.