ސަރުކާރުގެ ތިން ވަނަ އަހަރު ގުނަމުންދާއިރު ނިމިގެންދިޔަ ކޮންމެ ދުވަހަކީ ގައުމު އިސްކޮށްގެން ކުރިއަށްދިޔަ ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ބޭއްވި ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން މިހާތަނަށް ނިންމަވާފައިވާ ނިންމެވުންތަކަށް ރިޢާޔަތްކުރައްވައި އެފަދަ ގިނަ ނިންމެވުންތަކަކީ އެހާ މަގުބޫލު ނިންމެވުންތަކަކަށް ނުވިޔަސް އެކަންކަމަކީ ގައުމަށް އެކަމުން ފައިދާވާނެކަންކަން ކަމަށެވެ.
އެގޮތުން ވޭޕް މަނާކުރުމާއި ދުންފަތުގެ އިސްތިއުމާލުކުރުމުގެ އާދައިން ގައުމު ސަލާމަތް ކުރުމަށްޓަކައި ޖެނެރޭޝަނަލް ބޭންއެއްގެ ގޮތުގައި ވަކި އުމުރެއް ކަނޑައަޅައި، 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވި އަދި އުފަންވާންތިބި ހުރިހާ އެންމެން އެކަމުން ސަލާމަތްކުރަން ނިންމެވީވެސް ގައުމީ ވިސްނެވުމެއްގައިކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ، އެމަނިކުފާނަށް ކުރިމަތިކުރުވި ސުވާލެއްގެ ޖަވާބުދެއްވައި، އެކަން އޮތްގޮތް ވަނީ ސާފުކޮށްދެއްވާފައެވެ. އެގޮތުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވޯޓުލައްވަން ވަޑައިގަންނަވާ ފިރިހެން ބޭފުޅުންނަށްވެސް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިހާބުކުރާ ފަރާތްތަކަށް ވޯޓުލެއްވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފަދަ ސުވާލެއް ކުރިމަތިކުރުމުން ރައީސް ވަނީ ވޯޓާއިމެދު ހޭލުންތެރިކަން އިތުރުކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ދެ އިންތިހާބެއް އެއް ދުވަހެއްގައި އޮންނައިރު، ކައުންސިލަށް ވޯޓުދޭ ގޮތަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށްވެސް ފިރިހެން ބޭފުޅުންނަށް ވޯޓުދެއްވޭނެކަމަށެވެ. އެގޮތުން މި ދެ އިންތިހާބު އެކުގައި ކުރިއަށްދާއިރު ތިން ވޯޓު ކަރުދާސްކޮޅެއް ލިބިވަޑައިގަންނަވާނެ ކަމަށާއި އެއީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ އެހުމަށް އޮންނަ ވޯޓު ކަރުދާސްކޮޅާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބު ކުރުމަށް އޮންނަ ކަރުދާސްކޮޅާއި ކައުންސިލް އިންތިހާބު ކުރުމަށް އޮންނަ ކަރުދާސްކޮޅު ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މިއިން ކޮންމެ ކަރުދާސްކޮޅެއް ލާނެ ވަކި ފޮއްޓެއް ހުންނާނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީވެސް ސަރުކާރުން ގައުމީ ވިސްނުމެއްގައި ކުރައްވާ ކަމެއްކަން ހާމަކުރައްވާ އެމަނިކުފާނު ވަނީ މިކަމުގެ ފަހަތުގައިވާ އެކިއެކި މުހިންމު ސަބަބުތައް ތިލަކޮށްދެއްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ރިޔާސީ އިންތިހާބަށް ފަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، ހަ މަސްދުވަސް ތެރޭގައި ބޭއްވުމަކީ އެކަމުން ގައުމަށް ފައިދާއެއް ނުކުރާ ތަނުގައި، އެކަމުން އެތައް ގެއްލުމެއް ކުރިމަތިވާ ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
އެގޮތުން މިހާރު އޮތް ގޮތުންނަމަ، ރިޔާސީ އިންތިހާބު ނިމި ސަރުކާރެއް ހޮވުމުން، އެ ސަރުކާރަކުން ކެންޑިޑޭޓުން ނެރެގެން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުން އެހެން ޕާޓީތަކުން ކުރިމަތިލާ މެންބަރުން ހޮވުމުގައި އޮންނަންޖެހޭ ހަމަހަމަކަން ނޯންނަކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ ފުރުސަތު ގެއްލިގެންދާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބޭއްވުމަކީ ޑިމޮކްރަސީގެ ވަރަށް މުހިންމު އަސާސެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހެދުމުގެ ފުރުސަތު ހުޅުވާލަންޖެހޭކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މީގެ މައިގަނޑު އެއް ބޭނުމަކީ ސަރުކާރު ޖަވާބުދާރީކުރުމުގެ ބާރަށް މެންބަރުން އިންތިހާބުކުރާ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހެދުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުން ރައީސްއަކު އިންތިހާބު ކުރެވި، ރައްޔިތުންގެ މަޖިލީހަށް އެކި ޕާޓީތަކުން ބޭފުޅުން ހޮވިގެންދާއިރު އެއީ އިންސާފުވެރިކަމާއި، ހަމަހަމަކަމާއެކު ބެހިފައިވާ މަޖިލީހެއް އަންނާނެ ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބޭއްވި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބާރު އޭގެ ހަގީގީ މާނައިގައި ހިނގައިގަތުމުގެ ފުރުސަތުދެވި، އަދި އެތަނަށް ހޮވޭ މެންބަރުންނަކީ، އެންމެ ގިނަ ރައްޔިތުން އެ ދުވަހެއްގައި ވޯޓުލާ ދުވަހު ހޮވޭ މެންބަރުންނަށް ހެދުމުގެ ފުރުސަތު ލިބިގެންދާ ކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، މިހާރު މި ކުރިއަށްދާ ސުޕަރ މެޖޯރިޓީގެ ނިޒާމު އުވާލެވޭނީވެސް މި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވިގެންކަމަށެވެ. އަދި ސަރުކާރުގެ ވިސްނުން ހުރީ ގައުމުގެ ފައިދާއަށްކަމުގައި މިސާލު ދައްކަވައި، މިހާރު އޮތް ގޮތަށް ސުޕަރ މެޖޯރިޓީ މަޖިލީހެއް އޮވެ، ސަރުކާރުގެ ދައުރު ހަމަވާއިރު، ރިޔާސީ އިންތިހާބު ކޮންމެ ގޮތަކަށް ނިމުނުނަމަވެސް، އެހެން ސަރުކާރުތަކާއި ހިލާފަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިތުރަށް ލިބެން އޮތް 6 މަސް ދުވަސް ދޫކޮށްލައްވައި، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ތާއީދުކުރައްވަނީ އެކަމުގެ ސަބަބުން ގައުމަށް ކުރާނެ ފައިދާއަށް ވިސްނަވައިގެންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.