ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފަހި ފްލެޓުތައް ނުވަތަ 4،000 ފްލެޓުގެ ކުއްޔަށް ލުޔެއް ދިނުމަށް އެދި ފަހި ޔުނިއަން އިން ސަރުކާރަށް ގޮވާލައިފި އެވެ.
ފަހި އުނިއަންއިން ނެރުނު ބަޔާނެއްގައި ބުނީ، ނިމިދިޔަ ސަރުކާރުން އަޅާފައިވާ 4000 ފުލެޓުގެ ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 02 ކޮޓަރީގެ ފުލެޓެއް މެއިންޓަނަންސްފީ އާއި އެކު ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 6،000 ރުފިޔާ ކަމަށެވެ. އަދި 03 ކޮޓަރީގެ ފުލެޓެއް މެއިންޓަނަންސްފީ އާއިއެކު ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 8،000 ރުފިޔާ ކަމަށް ފަހި އުނިއަން އިން ވަނީ ބުނެފައެވެ.
އެހެން ނަމަވެސް މިހިނގަމުންދާ ސަރުކާރުން ކުލީގެ އެއްބަސްވުން ހެދިއިރު ކަނޑައަޅާފައިވާ ކުއްޔަކީ 02 ކޮޓަރީގެ ފުލެޓެއް މެއިންޓަނަންސްފީ އާއިއެކު ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 7،000 ރުފިޔާ ކަމަށާއި، އަދި 03 ކޮޓަރީގެ ފުލެޓެއްގެ އަގު މެއިންޓަނަންސްފީ އާއިއެކު ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 10،000 ރުފިޔާ ކަމަށް ކަނޑއަލާފައި ވުމުން، ނިމިދިޔަ ސަރުކާރުން ކަނޑައަޅާފައިވާ ކުއްޔަށް ބަދަލުކޮށްދިނުމަށް އެދި ސަރުކާރަށް ގޮވާލާ ކަމަށެވެ.
މީގެ އިތުރުން ފަހިދިރިއުޅުން ކޯޕަރޭޝަނުން ކުއްޔަށްދޭ އެޕާރޓްމަންޓްތަކަށް ނަގާފައިވާ ޑައުން ޕޭމަންޓު އުނިކޮށްދިނުމަށް ވެސް ފަހި ޔުނިއަން އިން ވަނީ ގޮވާލާފައެވެ.
މީގެ އިތުރން ފަހި ޔުނިއަން އިން ވަނީ، ދުނިޔެ އަށް މިހާރު ކުރިމަތިިވެފައިވާ ދަތި ހާލަތަށް ރިއާޔަތްކޮށް، ފްލެޓަށް ބަދަލުވުމަށް ބޮޑު ހޭދައެއް ކުރަން ޖެހޭތީ މިހާރު ދީފައިވާ ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑް ހަ މަސް ދުވަހަށް ނުވަތަ އެއް އަހަރަށް ދަންމައިލުމަށާއި، ހަތަރު ހާސް ފްލެޓުގެ އެއްބަސްވުން 'ގަނެވިއްކުމުގެ' އެއްބަސްވުމަކަށް ބަދަލުކޮށްދިނުމަށް ވެސް އެދިފައެވެ.
ފަހި ޔޫނިއަންއިން ބުނީ، ރާއްޖޭގައި އެންމެ ފަހުން ހިންގި އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރި ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން އެއީ އެ މީހެއްގެ މިލްކަކަށް އެ ފްލެޓުތަށް ބަދަލުވެފައިވާ ކަމަށެވެ. އަދި ހިޔާ ފްލެޓުތަކުގެ ކުލި ދެއްކުން ވެސް ކޮވިޑާ ގުޅިގެން އެއް އަހަރަށް ފަސްކޮށްފައިވާ ކަން ވެސް ހިޔާ ޔޫނިއަންގެ ބަޔާނުގައި ފާހަގަކުރި އެވެ.
އެ ފްލެޓުތަކުގެ ކުލި ކުޑަކޮށްދިނުމަށާއި ކުލި ނެގުން ފަސްކޮށްދިނުމަށް ފަހި ޔޫނިއަނުން ސަރުކާރުގައި އެދި ބަޔާނެއް ނެރެފައިވާއިރު ހުޅުމާލޭގައި ރޭ ވަނީ އެކަމާ އެއްކޮޅަށް އިހުތިޖާޖުކޮށްފަ އެވެ. އަދި އިދިކޮޅު އެމްޑީޕީން ހުޅުމާލޭގައި ރޭ ބޭއްވި ލޯކަލް އިންތިހާބުގެ ކެމްޕެއިން ޖަލްސާގައި ވެސް ކުރީގެ ރައީސް އަދި އެ ޕާޓީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.