ހއ. ދިއްދޫގައި ދަރިވަރުންގެ ދަނާލެއް އިމާރާތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ދިއްދޫގައި ތަރައްގީކުރާ މި އެކަމަޑޭޝަން ބްލޮކަކީ ފާހާނާއާ އެކު ފަރުމާކުރެވިފައިވާ ޒަމާނީ ފެންވަރުގެ 32 ކޮޓަރިތަކެއް ހިމެނޭ ތަނެކެވެ. މީގެ އިތުރުން، ދަރިވަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ކިޗަން، ޑައިނިންގ، ލޯންޑަރީ، ޖިމް އަދި ރެކްރިއޭޝަން އޭރިއާއެއްވެސް މި އިމާރާތުގައި ގާއިމުކުރެވޭނެއެވެ.

ދިއްދޫގައި މިހާރު ތަރައްގީ ކުރަމުންދާ ޖޫނިއަރ ކޮލެޖަކީ ހޮސްޕިޓަލިޓީ، އޮޓޮމޯޓިވް، ވެލްޑިންގ އަދި އިންޖިނިއަރިންގ ފަދަ ޓެކްނިކަލް ދާއިރާތަކުން ޒުވާނުން ވޮކޭޝަނަލްކޮށް ތަމްރީނުކުރުމަށް ޚާއްޞަ ކުރެވިފައިވާ މަރުކަޒެކެވެ. މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުނީ، ދަނާލު މަޝްރޫއުގެ ސަބަބުން އެ ކޮލެޖުން ތައުލީމު ހާސިލުކުރުމަށް ދާ ދަރިވަރުންނަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ފުރިހަމަވެ، ތައުލީމީ ދާއިރާއަށް އައު ދިރުމެއް ލިބިގެންދާނެކަމަށެވެ.

ޖޫނިއަރ ކޮލެޖުތައް ތަރައްގީކުރަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބަހާލައިގެންނެވެ. މި ކޮލެޖުތަކުގައި ހާއްސަކުރާ ވަކި ދާއިރާތަކަށް ކިޔަވައިދޭނެއެވެ.

މިއީ ރާއްޖޭގެ އެކި ހިސާބުތަކުން މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، އަދި ރާއްޖޭގެ ވަޒީފާގެ ބާޒާރަށް މީހުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ.