އެހެން ބޭންކުތަކެކޭ އެއްފަދައިން ބިއެމްއެލްވެސް ސަރުކާރުގެ ޓްރެޜަރީ ބިލުގައި އިންވެސްޓްކުރާނެ ކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން ވިދާޅުވީ ބީއެމްއެލްގެ ބްރާންޗް އަދި އޭޓީއެމްގެ ވިއުގަ ފުޅާކުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ސީއީއޯ ޝަރީފް ވިދާޅުވީ، ޓީބިލްގައި އިންވެސްޓްކުރުމަށް ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެ ބޭންކުން ހިލާފުވެފައި ނުވާނެ ކަމަށެވެ. އެގޮތުން ދުނިޔޭގެ ހުރިހާ ބޭންކަކުންވެސް އެ ބޭންކެއްގެ އެކްސެސް ފަންޑު، ރިސްކު ކުޑަ، މާލީ ހަރަކާތްތަކަށް އިންވެސްޓްކުރާ ފަދައިން، ބީއެމްއެލުންވެސް ސަރުކާރުގެ ޓްރެޜަރީ ބިލުގައި އިންވެސްޓްކުރާ ކަމަށް ސީއީއޯ ވިދާޅުވިއެވެ.
ސީއީއޯ ވިދާޅުވީ، 2015އިން ފެށިގެން 2025ވަނަ އަހަރާ ހަމަޔަށް ބެންކުގެ ކެޕިޓަލްގެ ނިސްބަތުން ސަރުކާރުގެ ޓީބީލް އާއި ޓީބޮންޑަށް އިންވެސްޓްކުރި ގޮތް ދިވެހި ސަރުކާރުގެ ޓްރެޜަރީ ބިލްތަކާއި ބޮންޑުތަކަށް ބެންކުން ކޮށްފައިވާ އިންވެސްޓްމަންޓްތައް އަބަދުވެސް ހުންނަނީ ކެޕިޓަލްއާ ބަލައި ގާތްގަނޑަކަށް އެއް މިންވަރެއްގަ ހިފެހެއްޓިފައި ކަމަށެވެ. އެގޮތަށް ޓީބިލްގައި އިންވެސްޓްކުރުމަށް ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ރިސްކް އެޕަޓައިޓް މިންގަނޑުތަކާ ހިލާފު ނުވާ ކަމަށް ވެސް ސީއީއޯ ވިދާލުވިއެވެ.
ސީއީއޯ ވިދާޅުވީ، ބޭންކުން އާންމުކޮށް ޓީބިލްގައި އިންވެސްޓްކުރަނީ އެއްއަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް ކުރިން އިންވެސްޓްކޮށްފަ ހުންނަ ޓީބިލްތައް ރޯލްއޯވާރ ވަމުންދާނެ ކަމަށެވެ.
ސީއީއޯ ވިދާޅުވީ، މިއީ ބެންކަށް އެވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ރިސްކުކަމުގައިވާ ނެޓް އޯޕަން ޕޮޒިޝަން (އެންއޯފީ)ގެ ޝޯޓްފޯލް ރަނގަޅު ކުރުމަށް، ސަރުކާރުން ބޭންކަށް ޑޮލަރު ވިއްކުމަށް، ސަރުކާރާއެކު މަޝްވަރާކުރެވިގެން ކުރެވެނު މުއާމަލާތްތަކެއް ކަމަށެވެ. އަދި މިކަމުން އައި ހެޔޮ ބަދަލުތައް މިހާރު ފެނިގެންދާ ކަމަށް ސީއީއޯ ވިދާޅުވިއެވެ.
ސީއީއޯ އިތުރަށް ވިދާޅުވީ، ދައުލަތުން ބޭންކުގައި ބަހައްޓާފައިވާ ފިކްސް ޑިޕޮސިޓް އަދަދާ އަޅުވައި، ސެކުއާޑްކޮށް 653 މިލިޔަން ރުފިޔާގެ ޓީބިލަށް އިންވެސްޓްކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުވެސް ޓީބިލަށް އިންވެސްޓްކޮށްފައިވަނީ އާދަޔާ ހިލާފު އިތުރުވުމެއް ނެތި، ބޭންކުގެ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް ސީއީއޯ ވިދާޅުވިއެވެ.