ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތައުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތުތައް 01 އޭޕްރީލު ގައި ހުޅުވާލައިފިއެވެ.

މަތީތައުލީމާއި މަސައްކަތްތެރިކަމާއި، ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާ އިން ބުނީ ލޯނު ނަގައިގެން ފުރިހަމަ ކުރެވޭނީ ރާއްޖޭގެ ޣާއުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 ން ފެށިގެން ފެންވަރު 10 ގެ ނިޔަލަށް ހުރި ޕުރޮގުރާމްތައް ކަމަށެވެ.

އޭގެ އިތުރަށް ޕްރޮފެޝަނަލް ލައިސަންސް ޕުރޮގުރާމުތަކާއި، މެޑިކަލް ސްޕެޝަލައިޒޭޝަނާއި، މެޑިކަލް ދާއިރާ ފެލޯޝިޕް ޕުރޮގުރާމުތައް ފުރިހަމަކުރުމަށް ލޯނު ދިނުމަށްވެސް ފުރުސަތުތައް ވަނީ ހުޅުވާލާފައިވެއެވެ.

ލޯނު ދިނުމަށް ހުޅުވާލެވިފައިވާ ފުރުސަތުތަކުގެ ތެރޭގައި، ގައުމީ ތަރައްގީއަށް މީހުން ތަމްރީންކުރުމަށް ބޭނުންވާ ދާއިރާތައްކަމަށް ފާހަގަކުރެވިފައިވާ ނޭޝަނަލް ޓްރޭނިން ނީޑްސް ލިސްޓްގައި ހިމެނޭ ހައިލީ ޓެކްނިކަލް ދާއިރާތަކާއި އެ ލިސްޓްގައިވާ އެހެނިހެން ދާއިރާތައް ހިމެނޭ އިރު، މަތީތައުލީމާއި ތަމްރީނަށް ލޯނު ދޫކޮށްފައިވާ ދަރިވަރަކު ފުރިހަމަކުރަމުން ދާ ޕުރޮގުރާމު ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތުގައި، އެ ދަރިވަރުގެ އިހްތިޔާރުން ބޭރުން ދިމާވާ ކަމަކާހުރެ ޕްރޮގުރާމު ފުރިހަމަނުކުރެވިގެންދާ ހިނދެއްގައި، އެކަމަށް އިތުރު މާލީއެހީއެއް ދިނުމުގެ ގޮތުން ދޭ ޓޮޕްއަޕް ލޯނު ދިނުމަށް ހުޅުވާލައިފައިވާ ފުރުސަތުވެސް ހިމެނެއެވެ.

މީގެ އިތުރުން ފުރިހަމަކުރި ނުވަތަ ފުރިހަމަކުރަމުންދާ ޕްރޮގްރާމެއްގެ ދާއިރާއިން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށް ކޮންމެހެން ހަދަންޖެހޭ އިންޓާންޝިޕެއް އޮތްނަމަ، އެ އިންޓާންޝިޕް ހެދުމަށް ލޯނު ހޯދަން އެދުމުގެ ފުރުސަތުވެސް ހިމަނާފައިވެއެވެ.

ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ހަރަދެއް އެއްކޮށް ލޯނުގައި ހިމައިގެން ލޯނު ދޫކުރާނެ ގައުމުތަކެއް އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް ވަނީ ކަނޑައަޅައި ޕޯޓަލް މެދުވެރިކޮށް އިއުލާންކޮށްފައެވެ.

އެެހެންނަމަވެސް، މަތީތައުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ގައުމަކަށްވެސް ދިއުމުގެ ފުރުސަތުވަނީ ފަހި ކޮށްދެވިފައިވެއެވެ. އެ ގޮތުން، ހުރިހާ ހަރަދެއް ލޯނުގެ ގޮތުގައި ދޭނެކަމަށް އިޢުލާނުކޮށްފައިވާ ގައުމުތައް ފިޔަވައި އެހެން ގައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ލޯނު ލިބުނު ފަރާތުން އިހުތިޔާރުކުރާ އިއުލާންކުރި ގައުމުގެ ހަރަދާއި، ކިޔަވަންދާން ބޭނުން ގައުމުގެ ހަރަދާއި އަޅާކިޔައި ބެލުމަށްފަހު ދަރިވަރަށް ހަރަދު ކުޑަކޮށް ކިޔެވޭނެ ގޮތެއްގެ މަތީން، ކިޔަވައި ނިންމުމަށްފަހު އަނބުރައި ފައިސާދެއްކުމުގައި ދަރިވަރަށް ތަކުލީފުކުޑަވާނެ ގޮތަށެވެ.

މި ދިޔަ އަހަރުގެ ލޯނުގެ ފުރުސަތުތައް އިއުލާނުކުރުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، ދަރިވަރުންނަށް ދޫކުރާ ލޯނުތަކަށް ފާއިތުވީ އަހަރުތަކުގައި އިތުރުކުރަމުން ގެންދިޔަ، އެޑްމިނިސްޓްރޭޓިވް ޗާޖު ނުވަތަ ކޮމިޝަން އެއްކޮށް ކަނޑުއްވާލައްވައި، މި ލޯނުތަކަކީ ފުރިހަމައަށް "ޝަރީއާ ކޮންޕްލައަންޓް" ލޯނުތަކަކަށް ހައްދަވާފައެވެ.

ފާއިތުވީ އަހަރުތަކާއި ހިލާފަށް މި އަހަރު ލޯނު ދިނުމުގެ ކަންކަން ހިންގުމަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ގެނެވިފައިވާ އެންމެ ބޮޑު އެއް ބަދަލަކީ، އެޕްލިކޭޝަން ހުށަހެޅުމަށް ވަކި ސުންގަޑިއެއް ނުބާއްވައި ލޯނަށް އެދުމުގެ ފުރުސަތު މުޅިއަހަރަށް ހުޅުވާލާފައި ބޭއްވުމެވެ.

މުުއްދަތު ހަމަވުމުގެ ކުރިން ނޭދެވިގެން ލޯނު ނުލިބުމުގެ ބިރުފިލައި، ވަކި މުއްދަތެއްގެ ތެރޭގައި ނޭދެވުމުގެ ސަބަބުން ލޯނު ލިބުމުން މަހްރޫމްވުން ނިމުމަކަށް ގެނައުމަކީ، މި ސަރުކާރުގެ އަމާޒެއްކަމަށްވާތީ، އެ އަމާޒަށް ވާސިލުވުމަށް މި ބަދަލު ވަނީ ގެނެވިފައެވެ.

މީގެ އިތުރުން ގެނެސްފައިވާ އެންމެ ބޮޑު އަނެއް ބަދަލަކީ، އެހެން އަހަރުތަކުގައި އެކި ދާއިރާތަކުން ލޯނު ދޭނެ ސްލޮޓްގެ އަދަދު ކަނޑައަޅާފަދައިން، މިއަހަރު ލޯނު ދޭނެ ސްލޮޓްގެ އަދަދު ކަނޑަނާޅައި ވަރަށް ގިނަ ދާއިރާތަކެއް ހުޅުވާލައިފައި ބޭއްވުމެވެ.

ސްލޮޓް ކަނޑަނާޅައި ހުޅުވާލައިފައިވާ ދާއިރާތަކާއި، ސްލޮޓް ކަނޑައަޅާފައިވާ ދާއިރާތަކާއި، އެ ދާއިރާތަކަށް ކަނޑައެޅިފައިވާ ސްލޮޓްގެ އަދަދުތައް އިއުލާނުންނާއި އޮންލައިން ޕޯޓަލްއިން ސާފުވާނެއެވެ. އަދި ސްލޮޓްކަނޑަ އަޅާފައިވާ ދާއިރާތަކުގައި ބާކީ ހުންނަ ސްލޮޓްގެ އަދަދު އޮންލައިން ޕޯޓަލުން ފެންނަން ހުންނާނެއެވެ.

ޓްރޭނިން ނީޑްސް ލިސްޓްގައި ހިމެނޭ ވަރަށް މަދު ހައިލީ ޓެކްނިކަލް ދާއިރާއެއް މެނުވީ، ހުރިހާ ޓެކްނިކަލް ދާއިރާތަކަކަށްމެ ވަނީ، ލޯނު ލިބޭނެ ދަރިވަރުންގެ އަދަދު ވަކި ވަރެއްގައި ހިފެހެއްޓުމުގެ ބަދަލުގައި، އެ ދާއިރާތަކުން ކިޔަވާނަމަ، ލޯނު ލިބޭނެކަމުގެ ޔަގީންކަން ލިބޭނެ ގޮތަށް ހުޅުވާލައިފައެވެ. މަގުސަދަކީ، ޓެކްނިކަލް ދާއިރާތަކުން ކިޔެވުމަށް ހިތްވަރުދިނުމާއެކު، ލޯނު ލިބުމަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުގެ ފުރުސަތު ފަހިކޮށް ދިނުމެވެ.

ލޯނުދިނުމުގައި ބަލާނެ ޝަރުތުތައް "ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު" ގައި ބަޔާންކޮށްފައިވާނެއެވެ.

ކުރީ އަހަރުތަކުގައި ލޯނަށް އެދި ހުށަހެޅުމަށް އޮންނަ، 2 ކެޓެގަރީ ނުވަތަ ގިންތި ކަމުގައިވާ "އަލަށް ކިޔަވަން ފަށާ ދަރިވަރުން" ގެ ކެޓެގަރީ އާއި "އޮންގޮއިން" ކެޓަގަރީ މިއަހަރު ނޯންނާނެއެވެ.

އެެހެންކަމުން، ނުބައި ކެޓަގަރީއަކަށް އެޕްލިކޭޝަން ހުށަހެޅުވުމުގެ ސަބަބުން އެޕްލިކޭޝަން ޑިސްކޮލިފައިވުން، ނިމުމަކަށް ގެނެވި، އެޕްލިކޭޝަން ހުށަހެޅުން ފަސޭހަވާނެކަމަށް ބެލެވެއެވެ. އަދި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ކިޔަވަން ފަށާފައިވާ ދަރިވަރުންވެސް ލޯނަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ އެއް ކެޓަގަރީއަކަށެވެ. ތަފާތުވާނީ އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ލިޔުންތަކެވެ.

މީގެ އިތުރުން އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު އަލަށް ކިޔަވަން ފަށަން ގަސްތުކުރާ ދަރިވަރެއްނަމަ، ލޯނަށް އެދި އެޕްލިކޭޝަން ހުށަހަޅަން ވާނީ ކިޔަވަން ފަށަށް ތައްޔާރުވެފައެވެ.

އެހެންކަމުން، ލޯނަށް އެދި ހުށަހަޅާއިރު ފުރިހަމަކުރުމަށް އެދޭ ޕްރޮގުރާމުގެ ޕްލޭސްމަންޓް އަދި ފީ ގެ ތަފްސީލް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ، އެޕްލިކޭޝަން އަވަހަށް ވަޒަންކުރެވި، ފައިސާ ދޫކުރުމުގެ ކަންކަން ނިންމުމަށް އެހެން އަހަރުތަކުގައި ހޭދަވާ ވަގުތަށްވުރެން މާކުރު މުއްދަތެއްގެތެރޭގައި ނިންމުމަށް އަމާޒުކޮށްގެން ގެނެސްފައިވާ ބަދަލެކެވެ.

ލޯނަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާނީ އޮންލައިން ޕޯޓަލް https://kuri.gov.mv މެދުވެރިކޮށް ހުށަހަޅަންޖެހޭ ހުރިހާ ލިޔުމަކާއެކުއެވެ.