ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މިފުރުސަތު ހުޅުވާލީ މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނީ، މިއަހަރުގެ މާރިޗު މަހުގެ ގެޒެޓުކޮށްފައިވާ ބިންވެރިޔާ ސްކީމްގެ އުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށައެޅުމަށް ހުޅުވާލާކަމަށެވެ.

ވުޒާރާއިން ބުނީ މިއަހަރުގެ މާރިޗު މަހުގެ ގެޒެޓުކޮށްފައިވާ ބިންވެރިޔާ ސްކީމްގެ އުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލާ ކަމަށާއި މިފުރުސަތުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިން ދޫކުރާ 1،250 އަކަފޫޓުގެ ގޯތިތައް ކަމަށެވެ.

މިއުސޫލުގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ މައި ކެޓަގަރީތަކުގެ ތެރޭގައި ޖޮއިންޓް އެޕްލިކޭޝަން ހުށައަޅައިގެން ގޯތި ލިބިފައިވާ ފަރާތްތަކާއި، ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތަކެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މިހާރު ހުޅުވާލާފައިވާ "އާއިލީ ބޯހިޔާވަހިކަން" ސްކީމުގެ ތެރެއިން ފިރިމީހާ/ އަނބިމީހާއަށް ގޯއްޗެއް ލިބިފައިވާ ނަމަ، ކުރިމަތިނުލެވޭތީ، ދެން ހުޅުވާލާއިރު އެ މީހުންނަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނެ ގޮތަށް ކެޓަގަރީއެއް އިތުރުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ނިންމެވުމާ އެއްގޮތަށް އައު އުސޫލުގެ ދަށުން ކުރިމަތިލާއިރު ކައިވެނިކޮށްގެން އުޅޭ ފަރާތެއްނަމަ ކައިވެނީގެ ސެޓްފިކެޓާއި އަމިއްލަ ނަމުގައި ފްލެޓެއް ނުވަތަ ބިމެއް އޮތްނަމަ ބިމުގެ ނުވަތަ ފްލެޓުގެ ރަޖިސްޓްރީއާއި، ޙައްޤުތަކާއި ގުޅޭ އިޤްރާރާއި، އުފަންވީއްސުރެ މާލޭގައި އުޅޭކަން ނުވަތަ ފަހުން މާލޭގައި ރަށްވެހިވެފައިވާ ފަރާތެއްނަމަ، ފަހުން މާލޭގައި ރަށްވެހިވީއިރު، ފުރަތަމަ ރަށްވެހިވި މާލޭގެ އެޑުރެހެއްގައި ރަށްވެހިވި ތާރީޚާއި އެ ތާރީޚު އަންގައިދޭ ރަށްވެހިންގެ ރަޖިސްޓަރީ ފަދަ ލިޔުންތައް ހުށަހަޅަން ޖެހެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދަވާ ރަސްމާލެ މަޝްރޫއުގައި ބިން ހިއްކަމުންދަނީ އެކި ސަރަޙައްދުތައް، އެކި މަރުޙަލާތަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން ތިން ހަތަރު ސަރަޙައްދެއްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާއިރު ބައެއް ސެގްމަންޓްތައް ވަނީ އެއްކޮށް ހިއްކާ ނިންމާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމާލޭގައި ހިއްކޭ ބިމުން 15،000 ގޯތި ދޫކުރުމަށް ނިންމާ އެކަން އިއުލާނު ކުރައްވާފަ އެވެ.

ރަސްމާލެ މަޝްރޫއަކީ ބޯހިޔާވަހިކަމުގެ ދާއިރާއިން މާލެ ސަރަޙައްދަށް މިސަރުކާރުގެ އެންމެ ބޮޑު އެއް ތަސައްވުރެއެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ 11 ސައިޓަކަށް ބަހާލައިގެންނެވެ. މި މަޝްރޫއުގެ ދަށުން 1009 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް 500 500 ހެކްޓަރާ ގާތްކުރާ އަދަދަކަށް ހިއްކާ ނިމިފައިވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.