އަތޮޅުތަކުގެ ރަށްރަށުގައި ލެބޯޓަރީގެ ހިދުމަތް ގާއިމްކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން މިހާތަނަށް 18 ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ގާއިމްކޮށްފިއެވެ.
ރ. މާކުރަތުގައި ލެބޯޓަރީގެ ހިދުމަތް ގާއިމްކުރުމަށްފަހު ވާހަކަފުޅުދައްކަވަމުން ސިއްހީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ރައީސްގެ ސިޔާސަތުގައި ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާފައިވާ އެއްކަމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުންކަމަށެވެ.
އެގޮތުން އެ ވުޒާރާއާ ހަވާލުކޮށްފައިވާ މަސައްކަތުގެ ދަށުން ލެބޯޓަރީ ނެތް ރަށްރަށުގައި ލެބޯޓަރީގެ ހިދުމަތް ގާއިމްކުރުމަކީ ރައީސް އެކަށައަޅުއްވާފައިވާ ސިޔާސަތެއްކަމަށެވެ.
ވަޒީރު ވިދާޅުވީ، 2025 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން، 2026 ވަނަ އަހަރުގެ ބަޖެޓުގައި ރައީސުލްޖުމްހޫރިއްޔާ އެކަން ހަމަޖައްސަވާ އެކަމަށްޓަކައި ފައިސާ ދެއްވާ ހަވާލުކުރެއްވި ހިސާބުން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިއިގެން މިހާތަނަށް 18 ލެބޯޓަރީ ހުޅޫވާފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ މިރަށްރަށުގައި މިކަން މީގެކުރިން ނުވެފައިވަނީ ސިޔާސަތުގެ ތެރޭގައި މިކަންކަން ނުހިމަނާ ރައްޔިތުންގެ ކަންބޮޑުވުންތައް އެންމެ ރަނގަޅަށް އޮޅުން ފިލުވާފައި ނުވާތީކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން ރައްޔިތުންގެ އަޑުއަހައި އެންމެ ބޭނުންވެފައިވާ ހިދުމަތްތައް ގާއިމްކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަތޮޅުތަކުގައި އެކަށީގެންވާ ގޮތެއްގައި ލެބޯޓަރީ ޓެސްޓު ހެދޭނެ އިންތިޒާމު ނެތުމުގެ ސަބަބުން، އެރަށްތަކުގެ ރައްޔިތުން ޓެސްޓު ހެދުމަށް ހޮސްޕިޓަލެއް ހުންނަ ރަށަކަށް ނުވަތަ މާލެއަށް ދަތުރުކުރަން ވަނީ މަޖުބޫރުވެފައެވެ. މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ފައްޓަވާފައިވާއިރު، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ގާއިމްކުރުމަކީ ސަރުކާރުގެ މުހިންމު ވައުދެކެވެ.
މި ހިދުމަތް ގާއިމްވެގެން ދިޔުމާއެކު ދިގު ދަތުރުކޮށްފައި މާލެ ނުވަތަ އެހެން ރަށަކަށް ދިޔުން މިވަނީ ނިމުމަކަށް އައިސްފައެވެ. ރަށުގައި ތިބެގެން ލޭ އެޅޭނެ ހިދުމަތާއި، އާއްމު ބައެއް ޓެސްޓްތައް ރަށުގައި ތިބެގެން ހެދުމުގެ ފުރުސަތު ލިބުމާއެކު ރަށުގެ ރައްޔިތުންގެ ޖީބަށް ލުއިވެ ހައްޓަށްވެސް ފަސޭހަވާނެކަން އެރަށުގެ ރައްޔިތުން ގަބޫލުކުރެއެވެ.
ލެބޯޓަރީގެ ހިދުމަތުގެ އިތުރުން މި ސަރުކާރުން ވަނީ މިހާތަނަށް 4 ރަށެއްގައި އެކްސްރޭގެ ހިދުމަތްވެސް ފަށާފައެވެ.