އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި މެޑިކަލް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ހުޅުވާލާފަވަނީ 15 ފުރުސަތެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި އިންޓަރން ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ގްރެޖުއޭޓުން، މިއަދުން ފެށިގެން އަންނަ މޭމަހުގެ 25 ވަނަ ދުވަހުގެ 13:00 އާއި ހަމައަށް އެދި ފޯމު ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ.

ބައިވެރިންގެ ޝަރުތުތަކާއި ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލްތައް ގެޒެޓުގައި ވަނީ ހިމަނާފައެވެ.

އައްޑޫ ހޮސްޕިޓަލްއިން ބުނީ، އިންޓަރންޝިޕް ޕްރޮގްރާމަށް ޝަރުތު ފުރިހަމަވާ 15 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނީ އެމްބީބީއެސް ފުރިހަމަ ކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށާއި މެއިލްފޮނުވާ ތަރުތީބަށް ކަމަށެވެ.

އިންޓަރންޝިޕް އަށް އެދި ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މެޑިކަލް ކޮލެޖް ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުމާއެކު މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ސައްހަ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުންކަމަށް ހޮސްޕިޓަލުން ބުނެއެވެ. މީގެ އިތުރުން ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުންވެސް އިންޓަރންޝިޕްގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އިންޓަރންޝިޕަށް އެދި ހުށައަޅާއިރު މެޑިކަލް ކޮލެޖް ނުވަތަ ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީއެއް ހިމަނަންޖެހެއެވެ. މި ކޮޕީ ވާންޖެހޭނި މޯލްޑިވްސް ކުއަލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓެޑް ކޮށްފައިވާ ލިޔުމަކަށެވެ. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދޫކޮށްފައިވާ ސައްހަ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ގެ އެޓެސްޓް ކޮށްފައިވާ ކޮޕީއެއްވެސް ހިމަނަންޖެހޭނެއެވެ.

އީމެއިލް މެދުވެރިކޮށްވެސް ފޯމު ބަލައިގަނެވޭނެކަމަށް އެ ހޮސްޕިޓަލުން ގަޒެޓުކުރި މައުލޫމާތުގައިވެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އަށް ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަކީ މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް ފެށި ފުރަތަމަ ހޮސްޕިޓަލެވެ.