މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ރާއްޖޭގެ ދެކުނުން ކަންނެލި ގަނެ ޕްރޮސެސް ކުރުމުގެ މަގްސަދުގައި އައްޑުއަތޮޅު ހުޅުމީދޫގައި ގާއިމުކުރި "އައްޑޫ ފިޝް ޕްރޮސެސިންގ ފެސިލިޓީ" ހުޅުވައިފި އެވެ.

މި ފެސިލިޓީ ހުޅުވީ އެކަމަށްޓަކައި ހުޅުމީދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ފެސިލިޓީ ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ސްޓޭޓް މިނިސްޓަރ އާމިނަތު ހުސައިން ޝަރީފެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ އަދި އެމްޑީ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ފަރުޙަތު ޝަހީރާއި މިފްކޯގެ އިސްވެރިންނާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މިފްކޯ އިން ބުނީ، ހުޅުމީދޫގައި ހުޅުވި މި ފެސިލިޓީއަކީ ރާއްޖޭގެ ދެކުނުން ކަންނެލި ގަނެ ޕްރޮސެސް ކުރުމުގެ މަގްސަދުގައި ހުޅުވި ސެންޓަރެެކަމަށާއި މިގޮތުން އައްޑޫ ފިޝް ޕްރޮސެސިންގ ފެސިލިޓީގެ ސަބަބުން އައްޑޫ ރައްޔިތުންނަށް ރައްކާތެރިގޮތުގައި މަސް ބަންދުކޮށް، އިތުބާރުހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބި، މަސްވެރިކަމުން ނަފާ އިތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ. އަދި އައްޑޫ ފިޝް ޕްރޮސެސިންގ ފެސިލިޓީން މަސް ޕްރޮސެސް ކުރުމުގައި ބޭނުންކުރާނީ ބްލާސްޓް ފްރީޒިންގ މެތަޑް ކަމަށް ވެސް މިފްކޯ އިން ބުނެއެވެ.

އެގޮތުން ބަންދުކުރެވޭ މަސް މިއަދުން ފެށިގެން މިފްކޯ ހުޅުމީދޫ ފިހާރައިން ގަންނަން ލިބެން ހުންނާނެކަމަށް މިފްކޯ އިން ބުނެއެވެ.

މީގެ އިތުރަށް މިފްކޯއިން ވަނީ ޑިސްޓްރިބިއުޓަރުން ހޯދައި، އައްޑުއަތޮޅު ހުރިހާ ހިސާބަކުން މި ފެސިލިޓީގެ އުފެއްދުންތައް ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށާފައެވެ.