ރާއްޖެއަށް މާރިޗު މަހު 161،259 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 1 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިހާތަނަށް ރާއްޖެއަށް 643،218 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށްވެސް ތަފާސްހިސާބުތައް ދައްކައެވެ.
ރާއްޖެއަށް ފަތުރުވެރިން އައި އަދަދަށް ބަލާލާއިރު، ޖަނަވަރީ ގައި 227،403 ފަތުރުވެރިން، ފެބުރުވަރީ ގައި 254،556 ފަތުރުވެރިން، އަދި މާރިޗު ގައި 161،259 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރާތްކޮށްފައެވެ.
މިދިޔަ އަހަރާއި އަޅާބަލާއިރު ޖަނަވަރީ އަދި ފެބުރުވަރީ މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު އިތުރުވެފަވީ ނަމަވެސް މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން މާރިޗު މަހުގެ ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ.
އެންމެ ގިނައިން ފަތުރުވެރިން އައި 5 ގައުމަށް ބަލާލާއިރު، ޗައިނާ އިން 94،823 ފަތުރުވެރިން، ރަޝިއާ އިން 79،326 ފަތުރުވެރިން، އިނގިރޭސިވިލާތުން 61،162 ފަތުރުވެރިން، އިޓަލީވިލާތުން 57،289 ފަތުރުވެރިން އަދި ޖަރުމަނުވިލާތުން 43،344 ފަތުރުވެރިން ހިމެނެއެވެ.
ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން ގެސްޓްހައުސްތަކުގައި 26.1 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، 68.8 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ.
ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 636،916 ފަތުރުވެރިން އައިސްފައިވަނީ ވައިގެ މަގުންނެވެ. އަދި ކަނޑުމަގުން 6302 ފަތުރުވެރިން އައިސްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.