"ޝާމިލް ލޯގޯ" މިއަދުން ފެށިގެން ދޫކުރަން ފަށައިފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި، އުފެއްދުންތެރިކަމާއި، ކަންކަމުގައި އެފަރާތްތަކުގެ ހިއްސާ ރަމްޒުކޮށްދޭ "ބްރޭންޑް އައިޑެންޓިޓީއެއް" ޤާއިމްކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން އެފަރާތްތަކުގެ އުފެއްދުންތަކުގައި ބޭނުންކުރުމަށް 2025 ވަނަ އަހަރު އިފްތިތާޙް ކުރެވިފައިވާ "ޝާމިލް ލޯގޯ" މިއަދު (1 އޭޕްރީލް 2026) ން ފެށިގެން ދޫކުރަން ފަށައިފިއެވެ.

"ޝާމިލް ލޯގޯ" އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ ތަކެތި މާކެޓް ކުރުމަށް އެހީތެރިވެދޭ، އެފަރާތްތައް މުޖުތަމައުގައި ޝާމިލުކޮށް، ބާރުވެރިކުރުވާ ގައުމީ ނިޝާނަކަށް ވެގެންދާނެ ލޯގޯއެކެވެ.

މި ލޯގޯ ބޭނުންކުރަން ފެށުމުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ ތަކެތީގައި މި ލޯގޯ ހަރުކުރެވި، އެއީ އެފަދަ ފަރާތަކުން އުފެއްދި އެއްޗެއްކަން މުދާ ގަންނަ ފަރާތްތަކަށް އެނގޭނެއެވެ.

އެހެންކަމުން އެ ތަކެތި ގަނެގެން، ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުގެ ވިޔަފާރިއަށް އެހީތެރިވުމުގެ ފުރުސަތު އާންމުންނަށް ފަހިވާނެއެވެ. އަދި އެއާއެކު އެ އުފެއްދުން އުފެއްދެވި ނުކުޅެދުންތެރިކަންހުރި ފަރާތަށް ވިޔަފާރީގެ ފައިދާ ލިބި އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި މުޖުތަމައުގައި ޝާމިލްވުން އިތުރު ކުރުމުގެ ފުރުސަތު މިހާރަށްވުރެ ބޮޑަށް ފަހިވާނެއެވެ.

އުފެއްދުންތަކުގައި މި ލޯގޯ ޖެހުމަށްއެދި ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތެއްކަމުގައިވުމާއި، ހުށަހަޅާ އުފެއްދުމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހަކު އަމިއްލައަށް ތައްޔާރުކޮށްފައިވާ އުފެއްދުމަކަށްވުން އަދި ތައްޔާރުކުރެވޭ އުފެއްދުމަކީ ހުއްދައެއް ނަގަންޖެހޭފަދަ އުފެއްދުމެއްކަމުގައިވާނަމަ، މުއްދަތު ހަމަނުވާ ހުއްދައެއް އޮތުމުގެ އިތުރުން އެ އުފެއްދުމަކީ ކެއިން ބުއިމުގެ ބާވަތެއް ކަމުގައިވާނަމަ ދިވެހިރާއްޖޭގައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ ހުއްދަ ހޯދުން ހިމެނެއެވެ.

ޝާމިލް ލޯގޯގެ އެޕްލިކޭޝަން ފޯމު ބީސީސީގެ ވެބްސައިޓު bcc.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ. ފޯމް ފުރުއްވުމަށްފަހު shamil@bcc.mv އަށް އީމެއިލް ކުރެއްވުމުން އެޕްލިކޭޝަން ޕްރޮސެސް ކުރެވޭނެއެވެ.

ޝާމިލް ލޯގޯއާގުޅޭ އިތުރު މަޢުލޫމާތެއް ބޭނުންފުޅުނަމަ ބީސީސީގެ ނަމްބަރު 3305555 ނުވަތަ ހޮޓްލައިން ނަމްބަރު 7913535 އަށް ގުޅުއްވުމުން އެފަރާތަކުން އެދިވަޑައިގަންނަވާ މައުލޫމާތެއް ލިބޭނެމަގު ބީސީސީން ވަނީ ފަހިކޮށްދީފައެވެ.