ތިމާވެއްޓާ ރައްޓެހި، ސޯލާ ފެރީ ގެނެސް އަޖުމަ ބެލުމުގެ ދަތުރުތައް ވަރަށް އަވަހަށް ފަށާނެކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތޯރިގް ވިދާޅުވީ ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅުވާލުމަށް މަސައްކަތް ކުރަމުން އަންނައިރު އެ ހިދުމަތް ހަރުދަނާގޮތެއްގައި ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް ކުރާކަމަށެވެ.
އެ ހިދުމަތުގައި ބޭނުންކުރަނީ ޒަމާނީ ފެންވަރުގެ ފެރީތަކެއް ކަމަށާއި އެ ފެރީތަކުގެ ތެތަލަށް ބޮޑު ހޭދައެއް ކުރަން ޖެހޭކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކަން އެހެން އޮތުމުގެ ސަބަބުން އަދުގެ ހާލަތަށް ބަލާއިރުވެސް އެ ފެރީ ސިސްޓަމްއަކީ ހަރުދަނާ އަދި ތެޔޮ ވީހާވެސް މަދުން ބޭނުންކުރާ ބާރު ދުވެލިީގައި ދުއްވާ އެއްޗެއްސަށް ހެދުމަށް މަސައްކަތް ކުރާކަމަށެވެ.
މިހާރު ހިދުމަތްދޭ ފެރީތަކުގެ އިތުރުން އެ ވުޒާރާއިިން އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެރީ ދުއްވޭނެ ގޮތްތައް ބެލުމަށް މަސައްކަތް ކުރާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ލަސްތަކެއް ނުވެ ސޯލާ ފެރީ ގެނެސް އަޖުމަ ބެލުމުގެ ދަތުރުތައް ފަށާނެކަމަށާއި ރާއްޖޭގެ ބައެއް ހިސާބުތަކުގައި އެ ފެރީ އަޖުމަ ބެލުމުގެ ގޮތުން ދުއްވަމުންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ސޯލާ ފެރީ ސިސްޓަމެއް ގާއިމްކޮށް ފެށޭނެކަމަށް އުންމީދުކުރައްވާކަމަށާއި ހާއްސަކޮށް ކައިރި ރަށްރަށް ދަތުރުކޮށް ހިދުމަތް ދެވޭނެ ގޮތަށް އެނިޒާމް ބައްޓަންކުރެވޭނެކަމަށެވެ.
2025 ވަނަ އަހަރު އިންޑިއާގެ ނޫސްތަކުން ހާމަކޮށްފައިވާ ގޮތުގައި "އެޕޯލޯ" ގެ ނަން ދީފައިވާ، 75 ސޯލާ ހަރުކޮށްފައިވާ މި ފެރީއަކީ ކަނޑު ގަދަ ދުވަސްވަރު ވެސް ދުއްވޭ ގޮތަށް ބަންނަ ފެރީއެކެވެ. "ސީ ސްޓޭޓް 5" ނުވަތަ ކަނޑުގެ ރާޅުގެ އުސްމިން ހަތަރު މީޓަރަށް ހުންނަ އިރު ވެސް މި ދުއްވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ގާތްގަނޑަކަށް 75 މީހުންގެ ޖާގަޔާ އެކު ބަންނަ ފެރީގެ ސްޕީޑު ހުންނާނީ ގަޑިއަކު 8 ނޯޓިކަލް މޭލުގައެވެ.
ރާއްޖެއަށް ބަންން އުޅަނދުގައި 50 ކިލޯވޮޓުގެ ދެ ބެޓަރީ ޕެކާއި 40 ކިލޯވޮޓްގެ ދެ އިންބޯޑް އިލެކްޓްރިކް މޯޓަރުން ކަރަންޓު އުފައްދައެވެ. އޭގައި ހިމެނޭ އިލެކްޓްރިކް ސްޓިއަރިން ސިސްޓަމްގެ ސަބަބުން މެއިންޓެނަންސް ކުރަންޖެހޭ މިންވަރު ދަށްވެއެވެ. އެ އުޅަނދުގެ މަތީގައިވާ 25 ކިލޯވޮޓުގެ ސޯލާ ޕެނަލް ސިސްޓަމުން ބެޓެރިތައް ޗާޖުކޮށްދޭނެކަމަށް އޭރު ބުނެފައިވެއެވެ.
މިއަދު ލ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށާފައިވާއިރު، އެ ވުޒާރާއިިން ބުނީ ފެރީ ނިޒާމަށް އާއްމުން ހޭލުންތެރިކުރުވަން މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ދަތުރުތައް އޮންނާނީ ހިލޭ ކަމަށެވެ.
އޭގެ ފަހުން، އަންނަ ބުދަ ދުވަހުން ފެށިގެން ދަތުރުތައް އޮންނާނީ ޓިކެޓު ނަގައިގެންނެވެ. އާރުޓީއެލްގެ ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓު ގަނެވޭނެ އެވެ.
އެ މަޝްރޫއުގެ ދަށުން ޒޯން 4 ގެ ފ، ދ. އަދި ތ. އަތޮޅުގައި މިހާރު ވެސް އެ ހިދުމަތް ވަނީ ފަށައިފަ އެވެ. އެއާއެކު، ރާއްޖޭގެ 15 އަތޮޅަށް އާރުޓީއެލް ފެރީގެ ހިދުމަތް ވަނީ ފުޅާވެފަ އެވެ.
މިއީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅުވާލުމަށްޓަކައި ސަރުކާރުން ގެންދާ މުހިއްމު މަސައްކަތެއް ކަމަށް ވެސް އެ ވުޒާރާއިިން ބުނެއެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ގެންދާ އާރުޓީއެލް ފެރީގެ މަޝްރޫއުން ރާއްޖޭގެ ހުރިހާ އަތޮޅެއް، ހަ ޒޯނަކުން ގުޅާލާނެ އެވެ.
އެ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ އާއްމުންނަށް ފަސޭހަކަމާއެކު ހެޔޮ އަގެއްގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެގޮތް މަގުފަހިކުރުމާއި އަދި އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ފައިދާ ހުރި ނިޒާމެއް ގާއިމްކުރުމެވެ.
އެ ވުޒާރާ އިން ބުނީ އެ ހިދުމަތް ލ. އަތޮޅުގައި ފެށުމުން، އެ އަތޮޅުގެ ރައްޔިތުންނަށް ވެސް އަސާސީ ހިދުމަތްތަކާއި އެހެނިހެން އިދާރީ ހިދުމަތްތައް ހޯދުމަށް ފަސޭހަކަމާއެކު ހެޔޮ އަގުގައި އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.