ރައްޔިތެއްގެ ވޯޓުލުމުގެ ހައްގައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ވޯޓުލުމަށް ނާންގާނެ ކަމަށް އިލެކްޝަން ކޮމިޝަން، އީސީ އިން ބުނެފިއެވެ.
އިންތިހާބުގެ ސިއްރުކަން ގެއްލޭގޮތަށް އީސީ އިން އަމަލުކުރަން ނިންމާފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން އެ ކޮމިޝަނުގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހު ރަޝީދު ވިދާޅުވީ ވަކިގޮތަކަށް ވޯޓުލުމަށް ރައްޔިތުންގެ ކައިރީގައި ބުނުމަކީ އެ ކޮމިޝަނުން އަމަލުކުރާ ހަމަތަކެއް ނޫން ކަމަށާއި އެގޮތަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ކުރިންވެސް އެ ކޮމިޝަނުން ނިންމަވާފައިވާ ގޮތަށް ކޮންމެ ރައްޔިތަކަށްވެސް 3 ވޯޓު ކަރުދާސްކޮޅު ލިބިގެންދާނެ ކަމަށާއި ނުފޫޒުން އެއްކިބާވެ ވޯޓުލުމުގެ ހައްގު ކަށަވަރު ކުރެވޭނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގެ ސިއްރުކަން ގެއްލޭގޮތަށް އެ ކޮމިޝަނުން އަމަލުކުރުމަށް މަޝްވަރާކުރަމުންދާ ކަމަށެވެ. އެގޮތުން، ވޯޓުލާންދާ މީހާ ކައިރިން ވޯޓުލާން ގަސްތުކުރަނީ ކޮން ކަމަކަށްތޯ އެހުމަށްފަހު 3 ވޯޓު ކަރުދާހުގެ ބަދަލުގައި އެ މީހަކު ވޯޓުލާން ބޭނުންވާ ކަމަށް ބުނާ ކަރުދާސްކޮޅު އެކަނި ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި 3 ވޯޓުގެ 3 ކަރުދާސް ވޯޓުލާން ދާ މީހާއަށް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ބޭނުން ނުވާ ކަަމަށްވެސް ވިދާޅުވިއެވެ.
ހުސްނުއްސުއޫދު މިހެން ވިދާޅުވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔެއްގެ ފާޑުކިޔުން އިލެކްޝަންސް ކޮމިޝަނަށް ވަނީ އަމާޒުވެފައެވެ. ހުސްނުއްސުއޫދު ވަނީ އޭނާ ކުރެއްވި ޕޯސްޓުގައި ހަގީގަތެއް ނެތް ކަމަށްވެސް ފަހުން ވިދާޅުވެފައެވެ.
މިފަހަރުގެ އިންތިހާބުގައި 3 ވޯޓެއް ނަގައެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެވެ. އެހެންވެ، މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ ކޮންމެ ރައްޔިތަކަށްވެސް 3 ވޯޓުކަރުދާސް ލިބޭނެއެވެ.
މި އިންތިހާބުގައި 3 ވޯޓުގެ ވޯޓު ކަރުދާސްލުމަށް ފޮށިތައްވެސް ހުންނާނީ ވަކިކޮށްފައެވެ. މިއީ އިންތިހާބުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅެކެވެ.